ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

ވަގްފް ދާއިރާއަށް އިންވެސްޓްކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި ބީއެމްއެލް އިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ވަޤުފްގެ ދާއިރާއަށް އިންވެސްޓް ކުރުމާ ގުޅޭގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ވަޤުފު މަޝްރޫޢުތައް ފެށުން ލަސްވެފައި ހުރީ ފައިސާ ހަމަނުޖެހުމުންކަމަށެވެ. ނަމަވެސް އެކި ފަރާތްތަކުގެ އެހީއާއެކު މިފަދަ މަޝްރޫޢުތައް ފެށުމުން އިތުރު މަޝްރޫޢޫތައް ކުރިއަށްގެންދިޔުމުގެ ފުރުޞަތުތައް ލިބޭކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްއާއެކު ވެފައިވާ އެއްބަސްވުމާއެކު އިސްލާމީ އުޞޫލްތަކުގެ ދަށުން ފައިސާ ހަމަޖެހިގެންދާނެކަމަށެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައުޤާފް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫޢުތައް ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއްކަމަށެވެ.

“ބީއެމްއެލް އިން އިސްލާމީ އުޞޫލުން އިންވެސްޓްކުރުމަކީ މުޖުތަމައުއަށް ، މުޅި ޤައުމަށް ކޮށްދެވޭ އަގުހުރި ޚިދުމަތެއް. މިހާރު ޤާއިމްވެގެންދާ ވަޤުފު މަޝްރޫޢުތަކަކީ މުޅި ރާއްޖޭގެ އިސްލާމީ ޚިދުމަތާ ގުޅިފައިވާ މަޝްރޫޢޫތަކެއް. ރާއްޖޭގައި އެބަހުރި އެތައް ސަތޭކަ މިސްކިތްތައް މި މަސްކިތްތައް އެއްފަހަރާ މަރާމާތުކުރުމަށާއި ހުރިހާ ކަމަކަށް ޚަރަދުކުރުމަކީ ދަޢުލަތުގެ ބަޖެޓަށް އެކަނި ބަރޯސާވެގެން ކުރެވޭނެ ކަންކަމެއް ނޫން. މީގެ އެހެން ދާއިރަތައް ހޯދަން އެބަޖެހޭ ފައިސާ ހޯދުމަށްޓަކައި. މާލޭގައި ޤާއިމްކުރާ މިފަދަ ތަންތަނުން މުޅިރާއްޖެއަށް ފައިދާކުރާނެ،“ ޑރ. ޝަހީމް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށްޓަކައި މާލީ އެހީއާއި އިސްތިރާޖީގޮތުން އެ ބޭންކުން އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ހުޅުމާލޭގައި ތަރައްޤީކުރާ “ދާރުލްސަލާމް”އާއި މާލޭގައި ތަރައްޤީކުރާ “ދާރުލްއަރްޤަމް”އަށް ބޭނުންވާ މާލީ އެހީތެރިކަން އިސްލާމީ އުޞޫލްގެ ދަށުން ހަމަޖައްސާދޭން އެހީވާނެކަމަށެވެ.

”އަޅުގަނޑުމެންގެ ވަޞީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވިގޮތަށް އާމްދަނީ ލިބޭނެ ވަޞީލަތްތައް ޤާއިމްކުރުމަކީ މުހިއްމުކަމެއް. ދީނީ ކަންތައްތައް ކުރިއެރުވުމަށްޓަކައިވެސް ދެމެހެއްޓެނިވިގޮތަށް އާމްދަނީ ލިބޭނެ ގޮތް މުހިއްމު. މިފަދަ މަޝްރޫޢުތަކާ ގުޅިގެން މީހުން ބިނާ ކުރެވެން ހުރި ދާއިރާތައް ބަލާ އެކަންކަމުގައި ގުޅިގެން ކުރިއަށް ދިއުމަކީ މުހިއްމުކަމެއް،“ ޝަރީފް ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގައި ސަރުކާރުން ތަރައްޤީކުރާ ވަޤުފު އިމާރާތްތަކުގެ މަޝްރޫޢަށް ބީއެމްއެލް އިސްލާމިކްއިން 350 މިލިޔަން ރުފިޔާގެ ލޯން ދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން މާލޭގައި ތަރައްޤީކުރާ “ދާރުލްއަރްޤަމް” މަޝްރޫޢުއަށް 39.4 މިލިޔަން ރުފިޔާ ޚަރަދުވާއިރު އެ މަސައްކަތް ކުރުމަށް ވަނީ އާރްސީސީއާ ހަވާލުކޮށްފައެވެ.

“ދާރުލްސަލާމް”އާއި މާލޭގައި ތަރައްޤީކުރާ “ދާރުލްއަރްޤަމް” ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 12 ފަންގިފިލާއަށެވެ. މީގެ އިތުރުން މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ނިންމަވާފައެވެ.

ގުޅުންހުރި ލިޔުންތައް