މާލޭގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި އާ މިސްކިތްތައް އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މާފަންނު ބޮޑުގެ މިސްކިތް އަޅަން މިއަދު ބިންގާ އަޅާނެ ކަމަށާއި އެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
އޭގެ އިތުރުން، މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި މަޖީދީމަގުގައި ހުންނަ ބަރުބަރީ މިސްކިތް ނިންމައި މިއަހަރުގެ ޑިސެމްބަރު މަހު ހުޅުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތް އަޅަން ވެސް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށެވެ.
މިނިސްޓަރ ޝަހީމް، އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި ޒިކުރާ މިސްކިތް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އަދި މިހާރު ކުރިއަށް ދަނީ އެތަން ޑިޒައިންކުރުމުގެ މަރުހަލާއެވެ.
މީގެއިތުރުން މިނިސްޓަރ ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ވިލިމާލެ ސަލާމް މިސްކިތް ތަޅާލައި އެ ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް މި ސަރުކާރުން އަޅާނެއެވެ. އެތަން ވެސް ވަނީ ބަޔަކާ ހަވާލުކޮށް، ޑިޒައިންކުރުމުގެ މަރުހަލާގައެވެ.
މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވީ ހުޅުމާލެ 1 ގައި ހުރި ވަގުތީ މިސްކިތް ހުރި ތަނުގައި ވެސް ޒަމާނީ މިސްކިތެއް އަޅައި ނިމެމުންދާ ކަމަށެވެ. އެ ހުރިހާ މިސްކިތަކަށް ވެސް ސްޕޮންސާ ވަނީ ހަމަޖެހިފަ އެވެ.



