ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ގަމަށް ބަދަލުވި މީހުންނަށް ދޭންޖެހޭ ފައިސާ ވަރަށް އަވަހަށް ދީ ނިންމާނަން: ރައީސް

އެހެން ރަށްރަށުން ލ. ގަމަށް ބަދަލުވި ރައްޔިތުންނަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ވަރަށް އަވަހަށް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރޭ ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ބަދަލުގެ ފައިސާ އިންސާފުވެރިކަމާއެކު އޭގެ ހައްގުވެރީންނަށް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ ރަށަކީ އެހެން ރަށްރަށުން މީހުން އެރަށަށް ދިރިއުޅުން ބަދަލުކޮށް، ދިރިއުޅެމުންދާ ރަށަކަށްވާއިރު އަދުލުވެރިކަމުގެ ތެރެއިން އިންސާފުވެރިކަން ގާއިމްނުވެ ހުރި ކަންތައްތަކެއް ހުރި ރަށެއްކަމަށެވެ. މީހުން ބަދަލުކުރާއިރު ސަރުކާރުން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތަކީ ބަދަލުގެ ފައިސާއެއްގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ހަވާލުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެކުރިން ކަނޑައަޅާފައި އޮންނަނީ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ދިނުމެވެ. ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގަތްގޮތަށް ވަރަށް އަވަހަށް އެ ފައިސާ ދައްކައި ޚަލާސްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

”169 ފަރާތެއް މި ފައިސާ ލިބެންޖެހޭކަން އަޅުގަނޑުމެންނަށް ރަސްމީކޮށް މިހާރު މިނިސްޓްރީއަށް ލިޔެކިޔުމުން ލިބިފައި އެބައޮތް. އެއީ ގާތްގަނޑަކަށް 8.45 މިލިޔަން ރުފިޔާ 50،000 ރުފިޔާގެ ރޭޓުން. އެ ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފައި. ދެން ފިނޭންސް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީގެ ޓީމެއް މިރަށަށް ދާދި އަވަހަށް އަންނާނެ. އައިސް ލިބޭ ފަރާތްތަކާއި ބައްދަލުކޮށް އެ ފަރާތްތަކާއި ތަފްސީލްތައް އިތުރަށް އޮޅުންފިލުވާ އެ ބޭފުޅެއްގެ ބޭންކް އެކައުންޓް ހޯދައި ސީދާ އެ އެކައުންޓަށް ޖަމާކުރުމަށް އަޅުގަނޑުމެން ނިންމާފައި މިއޮތީ.“ ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް