އިދިކޮޅު އެމްޑީޕީއަކީ ވަގުންގެ ބައިގަނޑެއް ކަމަށާއި އެ ޕާޓީއަށް މިހާރު އެއްވެސް ތާއީދެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
އެކްސަގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ރައްޔިތުން ވަނީ އެމްޑީޕީއަށް ބޮޑުތަނުން ނޯ ޖަހާފައި ކަމަށެވެ.
”ނުހަނު ފަސޭހަކަމާއެކު ބޮޑު ތަނުން ބޮޑު ނޯއެއް ޖަހާ އެމްޑީޕީ ވެރިކަމުން ދިވެހިން ދުރުކުރީ.“
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އެ މީހުން ނޫން ބަޔަކު ވެރިކަން ކުރާ ނަމަ ރަނގަޅު ހަމަ އެއް ކަމެއް ވެސް ކުރެވޭ ކަމަށް ނުހެދުން ކަމަށެވެ.
”ރޯމާ ދުވަލު ބޮޑެތި ވައްކަންތައްކޮށް ދިވެހިން ނިކަމެތި ވަމުން އަައި ދުވަސްވަރެއްގައި އަޅުގަނޑުމެންގެ ހިތްވަރު ގަދަަ ރައީސް ނިކުނެވަޑައިތީ މި ނުލަފާ މީހުން ރައްޔިތުންނަށް ވަމުން އައި ހިޔާނާތްތަކުންނާއި އަނިޔާވެރިކަމުން މި ގައުމު ސަލާމަތްކޮށް ދެއްވުމަށް،“ ސިނާނު ވިދާޅުވިއެވެ.
ސިނާނު ވިދާޅުވީ މިހާރު ފެންނަނީ މިއަދުގެ ސަރުކާރުން ހަރަދުތައްކުޑަކޮށް ތަރައްގީގެ އެތައް މަޝަރޫއުތަކެއް ފަށަމުން އަންނަ ތަން ކަމަށެވެ.
”އެތައް މަޝަރޫއުތަކެއް ފައްޓަވައި ދެއްވާ ތަން ފެނުމުން ހިތަށް ކުޅަދާނަ ނުވެގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް މި ބައިގަނޑުގެ ކަންތައް ބޮޑުވެއްޖެ،“ އޭނަ ވިދާޅުވި އެވެ. ”ހަގީގަތަކީ މިއަދު އެމްޑީޕީއޭ ކިއުނު ވަގުންގެ ބައިގަނޑަށް އެއްވެސް ތާއީދެއް ވެސް ނެތްކަން.“



