ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އިތުރުކޮށް، އެދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށެވެ. މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތުދެވޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ ފަސް ޒުވާނަކަށެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނީ މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ، ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ތެރެއިން ހިންގޭ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއީ ވޯލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށްވެސް އެވުޒާރާއިން ބުންޏެވެ.
ތިން މަސް ދުވަހަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފައްދައި، އެ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަށް ޒުވާނުން ނެރުންކަމަށާއި، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.
ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް:
* މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައިވުން
* އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށްވުން.
* މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށްވުން.
މި ތަމްރީނު ޕްރޮގްރާމުގައި މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދެވޭނެކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.
އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު، ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބޭނެ ކަމަށް ވެސް އެ ވުޒާރާ އިން ބުންޏެވެ.
މީގެ އިތުރުން، މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުން ފެށިގެން މިއަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށްކަމަށާއި، މި މުއްދަތުގައި، ބައިވެރިންނަށް ޑެއިލީ އެލަވަންސެއް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.



