ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިސްރަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުލްލަތީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ތަހްރީރު ޕެލެސްގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް ދެ ވަޒީރުން ވެސް މަޝްވަރާ ކުރެއްވިއެވެ.
ޚަލީލް ވަނީ މިސްރު ސަރުކާރުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ވަކިން ހާއްސަކޮށް މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީން ފޯރުކޮށްދެއްވާ މަތީ ތައުލީމުގެ ފުރުސަތުތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އިގްތިސާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަދި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ބައްދަލުކުރެއްވުމުގައި ޚަލީލް މަޝްވަރާ ކުރެއްވިއެވެ.
މީގެއިތުރުން ވެސް ދެ ގައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ގައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށާއި ރާއްޖެއާއި މިސްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިސްރުގައި ބޭއްވި ގާޒާ ސުލްހައާ ގުޅޭ ސަމިޓު، އަދި އެޔަށްފަހު ސޮއި ކުރެވުނު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމުގައި މިސްރުން އަދާކުރި ދައުރަށް ޚަލީލް ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން ވެސް ބައިނަލްއަގްވާމީ މަންސަތަކުގައި ދެމެހެއްޓެނިވި ތަރައްގީ އާއި ސަލާމަތާއި ރައްކާތެރިކަމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދު އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރިއެވެ.



