އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓާއި އެއް މޭލު ބޭރުން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި ގެއްލުނު މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި، ބަންލަދޭޝް އަދި އިންޑިއާ ރައްޔިތެކެވެ. ނަމަވެސް މަރުވެފައި އޮއްވައި ފެނުނީ ކޮން ގައުމެއްގެ ރައްޔިތެއް ކަމެއް އަދި ނޭނގެއެވެ.
ބަންޑުން ޖަހާލާފައިވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިން ކްރާފްޓެކެވެ. މި އުޅަނދުން ޖުމްލަ ހަތް މީހަކު ދަތުރުކޮށްފައިވެއެވެ. އޭގެތެރެއިން ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުން އަންނަނީ ކުރަމުންނެވެ.
އެ އުޅަނދު ބަންޑުން ޖަހާލިއިރު ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން ތިބީ އެ އުޅަނދުގައި އޮތް އެކްސްކޮރިއޭޓާއެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.



