ރާއްޖޭއަށް ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ވައި ނުސާފުވުމަކީ އިންސާނާގެ ސިއްހަތަށް ކުރު މުއްދަތުގައްޔާއި ދިގު މުއްދަތުގައި އޭގެ ނޭދެވޭ އަސަރު ފޯރާ ނުރައްކާތެރި ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން ކުރު މުއްދަތުގައި ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ލޯ، ނޭފަތް، ކަރުތެރެ އަދި ހަންގަނޑު ހިރުވުމާއި، ކެއްސުމާއި، ނޭވާލުމަށް އުނދަގޫވުން ހިމެނެއެވެ. މީގެއިތުރުން، ބޮލުގައި ރިއްސުމާއި، ބޯއެނބުރުން ފަދަ އުނދަގޫތައް މެދުވެރިވުމުގެ އިތުރުން ނޭވާހިއްލުން ނުވަތަ ހިތުގެ ބަލިތައް ހުންނަ ފަރާތްތަކުގެ ހާލަތު އިތުރަށް ގޯސްވެގެންދެއެވެ.
މިފަދަ ނުސާފު ވައިގެ އަސަރު ދިގު މުއްދަތަކަށް ކުރުމުގެ ސަބަބުން ނޭވާހިއްލުމާއި ސީ.އޯ.ޕީ.ޑީ ފަދަ ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. އަދި ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅުމާއި، ސިކުނޑިއާއި ނާރުގެ ބަލިތަކާއި، ވިސްނުމުގެ ބާރު ދަށްވުމާއި، ބައެއް ބާވަތްތަކުގެ ކެންސަރާއި، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މީގެއިތުރުން، މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވުންވެސް މިކަމުގެ ސަބަބުން އިތުރުވެއެވެ.
ނުސާފު ވައިގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އެއް މާއްދާއަކީ ލޮލަށް ނުފެންނަ ވަރުގެ ކުދި ޕާޓިކަލްސް ކަމުގައިވާ 2.5 ޕީއެމް އެވެ. މިއީ ޑަޔަމީޓަރުގައި 2.5 މައިކްރޯމީޓަރު ނުވަތަ އެއަށްވުރެ ކުދި މާއްދާތަކެކެވެ. ދުމާއި، ކުނި އެންދުމާއި، ވެހިކަލްތަކުން އަދި ފެކްޓަރީތަކުން ބޭރުވާ ވިހަ މާއްދާތަކުން އުފެދޭ މި ޕާޓިކަލްތައް، ނޭވާލުމުގެ ނިޒާމާއި ހަމުގެ ޒަރިއްޔާއިން ހަށީގަނޑުގެ އެތެރެއަށް ވާސިލުވެއެވެ.
އެޗްޕީއޭ އިން ވިދާޅުވީ، ވައި ނުސާފުވުމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާ ކުރިމަތިވަނީ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބޭރުތެރޭގައި މަސައްކަތްކުރާ މީހުންނަށް ކަމަށެވެ. މީގެއިތުރުން ނޭވާހިއްލުމާއި، ހިތުގެ ބަލި ނުވަތަ ފުއްޕާމޭގެ ބަލިތައް ފަދަ ދާއިމީ ބަލިތަކަށް ފަރުވާކުރާ ފަރާތްތަކަށްވެސް މިކަމުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ.
ވައިގެ ސާފު މިންވަރު ދައްކުވައިދޭ އެއަރ ކޮލިޓީ އިންޑެކްސް އާއި، ވައިގެ ސާފު މިންވަރުގެ އެންމެ ފަހުގެ މަޢުލޫމާތު ގެ ވެބްސައިޓް (http://iqair.com/maldives) ނުވަތަ އެ އެޕްލިކޭޝަން މެދުވެރިކޮށް ގަވާއިދުން ބެލުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން މަޑުޖައްސާލުންމާއި، ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ފެންވަރު ރަނގަޅު މާސްކު އެޅުންމާއި، ބޭރުގެ ނުސާފު ވައި އެތެރެއަށް ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުންމާއި، ގޭތެރޭގައި އެއަރ ޕިއުރިފަޔަރ ބޭނުންކުރުމަކީ ރައްކާތެރިކަމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.



