- Advertisement -spot_img

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ތިން ސްޕެޝަލިސްޓް ޚިދުމަތެއް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ތިން ސްޕެޝަލިސްޓް ޚިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ.

ތަޢާރަފްކުރި ތިން ޚިދުމަތަކީ ގެސްޓްރޯއެންޓެރޮލޮޖީ، ނިއުރޮލޮޖީ އަދި ޔޫރޮލަޖީގެ ޚިދުމަތެވެ. މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ.

މި ޚިދުމަތްތައް ފެށުމުގެ ގޮތުން ވަޒީރު ވަނީ ނިއުރޯ ސައިންސް ޔުނިޓް ހުޅުއްވައިދެއްވާފައެވެ. ވަޒީރު ޤީލާ ވިދާޅުވީ މިއީ އައިޖީއެމްއެޗްގެ ވެއިޓްލިސްޓް ކުޑަކޮށް، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިއުން މަދުކުރުމުގެ މަޤްޞަދުގައި ފެށި ޚިދުމަތްތަކެއް ކަމަށެވެ.

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް މައުލޫމާތު ދެއްވި ގޮތުގައި، ނިއުރޮލޮޖީގެ ޚިދުމަތުގެ ތެރެއިން ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީ (EEG) ގެ ޚިދުމަތް ލިބޭނެއެވެ. އަދި ޔޫރޮލަޖީގެ ތެރެއިން ކޮންސަލްޓޭޝަނާއި ޔޫރޯފްލޯމެޓްރީ ފަދަ ޓެސްޓްތައް ހެދޭނެއެވެ. ގެސްޓްރޯއެންޓެރޮލޮޖީގެ ކޮންސަލްޓޭޝަން ޚިދުމަތް މިހާރު ފެށިފައިވާއިރު، ކުރިއަށް އޮތް ތަނުގައި އެންޑޯސްކޯޕީ އަދި ކޮލޮނޮސްކޯޕީގެ ޚިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ.

ނިއުރޯ ސައިންސް ޔުނިޓްގެ އީއީޖީ ޚިދުމަތް ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ. އަދި މެންދުރު ދޭއް ޖެހުމާ ހަމައަށް ނަންނޯޓު ކުރެވޭނެއެވެ. އިމަޖެންސީ ޙާލަތްތަކުގައި ކޮންމެ ގަޑިއަކުވެސް ޚިދުމަތް ލިބޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މިހާރު ވަނީ ހަތަރު އޮޕަރޭޓިންގ ރޫމް ހިމެނޭ ތިއޭޓަރ ކޮމްޕްލެކްސްއަކާއި، ދިހަ އެނދުގެ އައިސީޔޫ އަދި ސާދަ އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއް ޤާއިމުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް