- Advertisement -spot_img

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 243 ކޭސް ރިޕޯޓުކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 243 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 17 ކޭހެއް ވަނީ ފެނިފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭއިން ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ހަރަކާތުގެ ދަށުން މިހާތަނަށް 16,045 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

އެޗްޕީއޭއިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަންދާއިރު މާސްކު އަޅަން އިލްތިމާސްކޮށްފައެވެ. އަދި ހިމަބިއްސަށް ޝައްކުވެގެން ޓެސްޓުކޮށްފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެ އޭޖެންސީން އެދިފައިވެއެވެ.

ހިމަބިއްސަކީ “މީސްލްސް ވައިރަސް”ގެ ސަބަބުން ޖެހޭ، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ “މޯބިލިވައިރަސް”ގެ ވައްތަރެކެވެ. ގިނައިން ކުޑަކުދިންނަށް މި ބަލި ޖެހުނު ނަމަވެސް، ކޮންމެ އުމުރެއްގެ މީހަކަށްވެސް ހިމަބިހި ޖެހުމުގެ ފުރުސަތު އޮވެއެވެ.

ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންނަށް ބަލި ފެތުރެނީ ގައިގައި ބިހިތައް ނެގުމުގެ ހަތަރު ދުވަސް ނުވަތަ ފަސް ދުވަސް ކުރިންނާއި، ބިހިތައް ނެގުމަށްފަހު ހަތަރު ދުވަސް ނުވަތަ ފަސް ދުވަސް ހަމަވުމާ ދެމެދުގައެވެ. ބަލިޖެހިފައިވާ މީހާއާއެކު އުޅޭ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ބަލިޖެހިފައިވާ މީހާ ކެއްސައި ކިނބިހި އެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ބޭރުވާ ވައިރަސް، ނޭވާލުމުގެ ޒަރިއްޔާއިން އެހެން މީހުންގެ ހަށިގަނޑަށް ވާސިލުވެއެވެ.

ހިމަބިހިން ރައްކާތެރިވުމަށް ކުއްޖާގެ އުމުރުން ނުވަ މަހުގައި އެމްއާރު ވެކްސިން ދެއެވެ. މިއީ ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން އެމްއާރު އަދި އެމްއެމްއާރު ވެކްސިން ގަވާއިދުން އަންނަނީ ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް