- Advertisement -spot_img

ވެކްސިނާއި ސިއްހީ ސާމާނު ހޯދަން މަޝްވަރާކޮށްފި

ރާއްޖެއަށް ބޭނުންވާ ވެކްސިނާއި އެހެނިހެން އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް އިތުބާރާއެކު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެ، އެކަމާ ގުޅޭގޮތުން ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސް.އައި.އައި) އާއި ސްޓޭޓް ފާމާއިން މަޝްވަރާ ކޮށްފިއެވެ.

ސްޓޭޓް ފާމާ އިން އާންމުކޮށްފައިވާ ގޮތުގައި ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓަރު އޮފް އިންޓަނޭޝަނަލް ބިޒްނަސް، ސަންދީޕް މުލޭ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވުނު މި ބައްދަލުވުމުގައި، ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން، ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމާއި، ކުރިމަގުގައި ހިންގުމަށް ރޭވިފައިވާ އާންމު ސިއްހަތުގެ އެކި ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފައެވެ.

ސްޓޭޓް ފާމާ އިން ބުނީ ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނި ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި އދ. ގެ އެހީގައި ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އެއް ފަރާތަކީވެސް އެ ކުންފުނި ކަމަށް ސްޓޭޓް ފާމާ އިން ބުނެއެވެ.

އެގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ގިނަ ބާވަތްތަކެއްގެ ފެންވަރު ރަނގަޅު ވެކްސިން އެ ކުންފުނިން އުފައްދަމުން ކަން ފާހަގަކޮށް ސްޓޭޓް ފާމާ އިން ބުނީ، ‎މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ފުންނާބުއުސް ފާމަސޫޓިކަލް ކުންފުނިތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސްޓޭޓް ފާމާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ސްޓޭޓް ފާމާ އިން ބުނީ މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ރައްކާތެރި ބޭހާއި ވެކްސިން، ދަތިކަމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް