ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި، ދުންފަތާ މެދު އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.
މި އުސޫލުގެ ދަށުން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ބަލައި، ކޮންމެ އަހަރަކު ޖުމްލަ ތިން މިލިއަން ރުފިޔާގެ މާލީ އެހީ ދޫކުރުމަށް ވަނީ ނިންމާފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މި އެހީ ދިނުމުގެ ބޭނުމަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށާއި މުޖުތަމައުގެ ސިއްހަތު ރައްކާތެރިކުރުމަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުމެވެ. މިގޮތުން ހުށަހަޅާ ހަރަކާތްތަކަކީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ، އަދި ސަރުކާރުން މި ދާއިރާގައި ކުރަމުންދާ މަސައްކަތްތަކާއި ސިޔާސަތުތަކާ ފުށުނާރާ ހަރަކާތްތަކަކަށް ވާންޖެހޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި މާލީ އެހީ ދޫކުރުމުގައި ޖިއޮގްރަފީ އަދި މަސައްކަތުގެ ނިސްބަތަށް ބަލައި ތިން ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. ފުރަތަމަ ކެޓަގަރީއަކީ ވަކި ރަށަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކެވެ. އެފަދަ މަޝްރޫއުތަކަށް 75،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އެހީއެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ދެވަނަ ކެޓަގަރީއަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ގައުމީ ފެންވަރުގެ ހަރަކާތްތަކެވެ. މިފަދަ ހަރަކާތްތަކަށް 100،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އެހީއެއް ދިނުމަށް ހަމަޖެހިފައިވާއިރު، އެކި ސަރަހައްދުތަކަށް ނުވަތަ ގިނަ އަތޮޅުތަކަށް އަމާޒުކޮށްގެން ހިންގާ ބޮޑެތި ޕްރޮގްރާމްތަކަށް 300،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އެހީއެއް ދޫކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
• އިދާރީ ޚަރަދުގެ މިންވަރު: މަޝްރޫއުތަކުގެ ދެފުށް ފެންނަކަން ކަށަވަރު ކުރުމަށްޓަކައި، ކޮންމެ ޕްރޮޕޯސަލެއްގެ އިދާރީ ހަރަދުތަކަށް ހޭދަކުރެވޭނީ ޖުމްލަ ބަޖެޓުގެ ގާތްގަނޑަކަށް 20 އިންސައްތައަށްވުރެ އިތުރުނުވާ މިންވަރެކެވެ.
• މަޝްރޫއުގެ މުއްދަތު: އެހީގެ ދަށުން ހިންގާ ހުރިހާ މަޝްރޫއުތަކެއްވެސް ގިނަވެގެން 10 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.
• ފައިސާ ދޫކުރާ އުސޫލު: ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެންނެވެ. އެއީ މަޝްރޫއު ފެށުމުން 30 އިންސައްތަ، މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމުމުން 35 އިންސައްތަ، އަދި މަޝްރޫއު މުޅިން ނިންމައި ފައިނަލް ރިޕޯޓު ފާސްވުމުން ބާކީ 35 އިންސައްތައެވެ.
މި އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ނޭޝަނަލް ޕަބްލިކް ހެލްތު ސްޓްރެޓަޖީތަކާއި ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ އުސޫލުތަކާ އެއްގޮތްވާން ޖެހެއެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މި އެހީ މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ދުންފަތާއި ނިކޮޓިން އެކުލެވޭ ތަކެތިން ލިބޭ ސިއްހީ ގެއްލުންތަކަށް ހޭލުންތެރިކުރުވުމަށާއި، ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުން ހުއްޓުވުމަށެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމާއި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުތައް ތަންފީޒު ކުރުމަށް އެހީތެރިވުން ވެސް މި އެހީގެ ދަށުން ހިންގާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.



