އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ރޮބޮޓުގެ އެހީގައި އޮޕަރޭޝަން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މި ސިސްޓަމް ގެނެސް، ހަރުކޮށް، އަދި ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ބީލަމަށް ހުޅުވާލާފައެވެ. ފިނޭންސް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވަނީ ”މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް“ އެކެވެ.
ރަޖިސްޓްރޭޝަން: ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 30 އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވާންޖެހޭނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 1,500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރެވެ. ބީލަން ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން، ސަރުކާރުގެ ”ބީލަން ޕޯޓަލް“ މެދުވެރިކޮށެވެ. ހުށަހަޅާފައިވާ ބީލަންތައް ހުޅުވުން އޮންނާނީ އޯގަސްޓު މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 1:00 ގައެވެ.
މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް އަކީ ބަލިމީހާގެ ހަށިގަނޑުގެ ތެރެއަށް ރޮބޮޓިކް އާލާތްތައް ފޮނުވައިގެން އޮޕަރޭޝަންކުރުމަށް ބޭނުންކުރާ ޒަމާނީ ނިޒާމެކެވެ. މި ނިޒާމު ބޭނުންކޮށްގެ އޮޕަރޭޝަންތައް ކުރާއިރު ހަށިގަނޑުގެ އެތެރެ 3 ޑީ ކޮށް ވަރަށް ސާފުކޮށް ޑޮކްޓަރަށް ފެންނަނާނެއެވެ. މީގެ ސަބަބުން ލޭއަންނަ މިންވަރު މަދުކުރެވި ތަދުކުޑަވެ، ބަލިމީހާ އަވަހަށް ފަސޭހަވެގެން ހޮސްޕިޓަލުން ދޫކޮށްލެވެއެވެ. މި ނިޒާމު ބޭނުންކޮށްގެން ގިނަ ބާވައްތަކުގެ އޮޕަރޭޝަންތައް ކުރެއެވެ.



