- Advertisement -spot_img

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް 6 ކުއްޖަކު ރާއްޖެއިން ބޭރަށް

ތެލެސީމިއާ ބައްޔަށް އޮތް ހަމައެކަނި ދާއިމީ ފަރުވާ ކަމަށްވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި، ޒަކާތު ފަންޑުގެ އެހީތެރިކަމާއެކު ހަ ކުއްޖަކު އިންޑިއާއަށް ފުރުމަށް ތައްޔާރުވެއްޖެއެވެ.

މިއީ ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު، ބޯންމެރޯ ހެދުމަށް މާލީ ގޮތުން ގާބިލުކަން ނެތް އާއިލާތަކަށް އަމާޒުކޮށްގެން މިއަހަރު ރާއްޖޭން ބޭރަށް ފޮނުވާ ފުރަތަމަ ގްރޫޕެވެ. މި ކުދިން ފުރުމުގެ މުނާސަބަތުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ޤީލާ ޢަލީއާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްގެ އިތުރުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހީމް ޢަބަދުއްރައްޒާޤު ޙަލީމާއި ތެލަސީމިއާ ސެންޓަރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، މި ފަރުވާއަށް ޝަރުތުހަމަވާ ކުދިންގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 2.5 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ އެންސްޕާއަށް ޖަމާކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދެވޭ އެހީއެކެވެ. ޒަކާތު ފަންޑުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން މިފަދަ ބަލިމީހުންނަށް މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ފަހަރު ފުރާ ހަ ކުދިންގެ އިތުރުން، އިދާރީ ކަންކަން ފުރިހަމަވުމުން އިތުރު ހަތަރު ކުއްޖަކު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. މިހާތަނަށް އެޗްއެލްއޭ ޑޯނަރ މެޗިންގ މަރުހަލާ ފުރިހަމަކޮށް، ޖުމްލަ 10 ކުއްޖަކަށް ވަނީ ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓަކީ ތެލެސީމިއާ ކުދިން މުޅި އުމުރަށް ލޭ އެޅުމުން ސަލާމަތްކޮށްދީ، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ފަރުވާއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތެލެސީމިއާ ކުދިންނަށް ދޭ ސަމާލުކަން އިތުރުކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް ޒަކާތު ފަންޑުން ވަނީ މި ފަރުވާއަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައެވެ. މިއީ މި ބަލީގައި ތަހައްމަލު ކުރަމުންދާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެކެވެ.

ގުޅުންހުރި ލިޔުންތައް