ހުޅުމާލެ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަކޮށްގެން ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް ފްލޫ ކްލިނިކްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
ހުން އައިސް ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކުން އެހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ބަހައްޓާފައިވާ ސްކްރީން ޑެސްކަށް ވަޑައިގަތުމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި ކްލިނިކަށް އަންނައިރު، މާސްކު އެޅުމަށް ވެސް ވަނީ އެދިފައެވެ.
ހައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަކަށް ބަހާލައިގެން މޯލްޑިވިއަން އަދި ސައުދީ އެއާލައިނުގައެވެ. ހުކުރު ދުވަހުގެރޭ ފުރަތަމަ ގްރޫޕް އައި އިރު، މިއަދު، ހޯމަ އަދި އަންގާރަ ދުވަހު ހައްޖުވެރިން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވިއެވެ.



