- Advertisement -spot_img

ހުއްދަ ނެތި ވިއްކާ 21 ބޭހެއްގެ މައުލޫމާތު އާންމުކޮށްފި

ހުއްދަ ނެތި ރާއްޖެ އަށް އެތެރެކޮށްގެން ވިއްކަމުން އަންނަ 21 ބޭހެއްގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުކޮށްފިއެވެ.

އެމްއެފްޑީއޭ އިން ބުނީ ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ތަފާތު ވައްތަރުތަކުގެ ބޭސް ރާއްޖެ އަށް އިމްޕޯޓުކޮށް، އޮންލައިން ޕްލެޓްފޯމް އަދި އާދައިގެ ފިހާރަތަކުގައި ވެސް ވިއްކަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖެއަށް އެތެރެކުރަނީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާފައިވާ ބޭހަކަށް ވާންޖެހޭ ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.

ހުއްދަނެތި ވިއްކަމުންދާކަން ހާމަކޮށް އެމްއެފްޑީއޭ އިން އާންމުކުރި ބޭސްތަކުގެ ތެރޭގައި ތަދުތަކަށް އުނގުޅާ ބޭހާއި، ހަމުގެ ބަލިތަކަށް ބޭނުންކުރާ ބޭހާއި، ރޯގާ އަދި ހަކުރު ބަލީގެ މީހުން ބޭނުންކުރާ ބޭސްތައް ހިމެނެއެވެ. އެމްއެފްޑީއޭ އިން ބުނީ މި ބޭސްތަކަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވޭ ބާވަތްތަކެއް ނޫން ކަމަށާއި، އޭގެ ފެންވަރާއި ރައްކާތެރިކަން ވެސް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.

މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވަތްތައް އިމްޕޯޓުކޮށް ވިއްކުމުން އެ ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާ ފަދަ ބޮޑެތި، ސިއްހީ ނުރައްކަލަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށްވެސް އެމްއެފްޑީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ހުއްދަނެތި ބޭސް އިމްޕޯޓްކޮށް ވިއްކާ އަދި އިސްތިހާރުކުރާ އޮންލައިން ޕްލެޓްފޯމްތަކާއި ފިހާރަތަކާ މެދު ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ނަންބަރު 7200321 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް