ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް، ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ލިބޭނޭ ގޮތް ކަށަވަރު ކުރުން ކަމަށް ޞިއްޙަތާއި އާއިލާ އަދި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކާފު އަތޮޅާއި ވާވު އަތޮޅުގައި ”ޕްރައިމަރީ ހެލްތު ކެއަރ“ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޞިއްޙީ ދާއިރާގެ އަބަދުގެވެސް އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް އެންމެ އެކަށީގެންވާ ފެންވަރުގައި އަދި ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ.
ވަޒީރު ޤީލާގެ ވާހަކަފުޅުގައި، އެކަށީގެންވާ ފެންވަރުގައި ރައްޔިތުންނަށް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި އެންމެ ހަރުދަނާ ނިޒާމަކީ އިބްތިދާޢީ ޞިއްޙީ ފަރުވާގެ ނިޒާމު ނުވަތަ ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމުކަން ފާހަގަކުރެއްވިއެވެ. މި ނިޒާމުގެ ތެރެއިން ބަލިތަކުން ރައްކާތެރިވުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ޅަފަތުގައި ޖެހޭ ބަލިތަކުގެ ބިރުވެރިކަން ތަޙައްމަލު ކުރަމުން ދިޔަ ދިއުން ނިމުމަކަށް ގެނެވުނު މައިގަނޑު އެއް ސަބަބަކީވެސް ޕްރައިމަރީ ހެލްތު ކެއަރގެ އުޞޫލުން ރައްޔިތުންނާ ގުޅިގެން ކުރެވުނު ބުރަ މަސައްކަތްތައް ކަމަށެވެ. އެހެންކަމުން، މި ނިޒާމު އަލުން ހަރުދަނާކޮށް އަތޮޅުތަކުގެ ރަށްރަށުގައި ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކ. އަތޮޅާއި ވ. އަތޮޅުގައި މިއަދު ފެށިގެންދިޔަ މި ޕްރޮގްރާމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބަލިތަކުން ރައްކާތެރިވުމުގެ ސަގާފަތެއް އާލާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.



