- Advertisement -spot_img

ވިއްކާ މުދަލުގައި އަގު ނުޖަހާނަމަ ފިޔަވަޅު އަޅަނީ

ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި، ކަސްޓަމަރުންނަށް ސާފުވާނޭހެން އަގު ޖަހާފައި ނުހުންނަ މައްސަލައިގެ ޝަކުވާ ލިބެމުންދާތީ، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދެއްވައިފިއެވެ.

އެ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، “މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު” ގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ވިއްކަން ބަހައްޓާ ކޮންމެ މުދަލެއްގެ އަގު ސާފުކޮށް އެނގެން ހުންނަންވާނެ ކަމަށެވެ. އަދި އަގު ސާފުވާން ނެތްނަމަ އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

މި ޤާނޫނުގެ ދަށުން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ އަންނަނިވި މިންގަނޑުތަކަށް ފެތޭނަމައެވެ:

ވިއްކަން ހުރި މުދަލުގައި ސީދާ އަގު ލިޔެފައި، ޕްރިންޓްކޮށްފައި ނުވަތަ ލޭބަލް ހަރުކޮށްފައި ހުރުން.

މުދާ ބަހައްޓާފައިވާ ހަރުގަނޑުގައި ނުވަތަ ތަނުގައި އަގު ލިޔެ ނުވަތަ ހަރުކޮށްފައިވާއިރު، އެއީ ކޮން އެއްޗެއްގެ އަގެއްކަން ކަސްޓަމަރުންނަށް ސާފުކޮށް ވަކިކުރަން އެނގުން.

ވިޔަފާރިކުރާ އެންމެހައި ފަރާތްތަކުން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، މުދަލުގެ އަގު ފަސޭހައިން ފެންނާނެހެން ބެހެއްޓުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން، މި އުޞޫލުތަކަށް ވިޔަފާރިތަކުން ތަބާވޭތޯ ބެލުމުގެ ގޮތުން، ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ފިހާރަތައް އިންސްޕެކްޓްކޮށް މޮނިޓަރ ކުރަމުން ގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ޤަވާޢިދާ ޚިލާފަށް އަގު ނުޖަހައި މުދާ ވިއްކާ ފަރާތްތަކާމެދު، ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް