- Advertisement -spot_img

ލޯކަލް ޓޫރިޒަމްއަށް ހާއްސަކޮށް ފައިނޭންސިންގ ފެސިލިޓީއެއް ތައާރަފުކޮށްފި

ވިޔަފާރިވެރިންނަށް ފަހިކޮށްދޭ ފައިނޭންސިން ހިދުމަތްތައް އިތުރުކުރުމަށާއި، ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް ތަރައްގީކޮށް އިތުރަށް ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އިން ”ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ“ އިއްޔެ ތައާރަފުކޮށްފިއެވެ.

މިއީ ޔޫއެސް ޑޮލަރުން ފައިސާ އަނބުރާ ދައްކާ ގޮތަށް، ކުޑަ ފައިދާ ރޭޓެއްގައި އެކުލަވާލާފައިވާ ހާއްސަ ފެސިލިޓީއެކެވެ.

މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އަދި ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައުރުކުރާ މިންވަރު އިތުރުކުރުމާއި، އެ ޒިންމާ އަދާކުރުމަށް މަގުފަހިކޮށްދިނުމަކީ ވެސް މި ފެސިލިޓީގެ މުހިންމު ބޭނުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްއެމްއީ ޑިޖިޓަލް އިން ހާމަކުރި ގޮތުގައި، ޔޫއެސް ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ތައާރަފުކުރި މި ފެސިލިޓީއަށް ކަނޑައަޅާފައިވަނީ 7.5 އިންސައްތައިގެ ކުޑަ ފައިދާ ރޭޓެކެވެ. މިއީ ގެސްޓްހައުސް ވިޔަފާރިތަކަށް އިތުރަށް އިންވެސްޓްކޮށް، ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާނެ ލުއިފަސޭހަ ފައިނޭންސިން ފުރުސަތެކެވެ.

މި ފެސިލިޓީ މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށްޓަކައި ގިނަވެގެން 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، ޖުމްލަ 15 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލް އިން މައުލޫމާތު ދެއެވެ.

މި ފައިނޭންސިންގެ ދަށުން އައު ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި، މިހާރު ހިންގަމުންދާ ގެސްޓްހައުސްތައް ފުޅާކުރުމުގެ އިތުރުން، އިމާރާތްތައް މަރާމާތުކޮށް ޒަމާނީ ކުރުމަށް ފައިސާ ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، ލޯކަލް ޓޫރިޒަމަށް އެހީތެރިވެދޭ ހިދުމަތްތައް ތަރައްގީކުރުމަށާއި، ވޯކިން ކެޕިޓަލް ހަމަޖެއްސުމާއި، ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފުކުރުމަށް ވެސް މި ފެސިލިޓީ ބޭނުންކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ގުޅުންހުރި ލިޔުންތައް