- Advertisement -spot_img

ޓީޖީއެސްޓީ ޤާނޫނަށް އަވަސް އިސްލާޙުތަކެއް ގެންނެވުމަށް ރައީސް ނިންމަވައިފި

ދާދިފަހުން ޤާނޫނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ޓޫރިޒަމް ގޫޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ގެ ޤާނޫނަށް އަވަސް އިސްލާޙުތަކެއް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ އޮގަސްޓު މަހުގެ ތިރީސް އެކެއްގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ޖީއެސްޓީ ޤާނޫނުގެ އަށްވަނަ އިސްލާހާއެކު، ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގާ ގޮތަށް ގެނައި ބަދަލާމެދު ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންޓުން ތަމްސީލްކުރާ ބައެއް އެސޯސިއޭޝަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް ދިވެހި ސަރުކާރާއި މީރާގައި އެދިފައެވެ.

އާ އުސޫލަށް އިސްލާޙުތަކެއް ގެންނަން ނިންމެވިކަން މިނިސްޓަރު އަމީން ހާމަކުރެއްވީ ޤައުމީ ފަތުރުވެރިކަމުގެ ދުވާލާ ގުޅުވައިގެން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ދެއްކުމުގެ އިތުރު ބައިތަކެއް ޤާނޫނުގައި ހިމަނާފައިވާއިރު، އެ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޓްރެވަލް އެޖެންޓުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ސަރުކާރަށް ވަނީ ފާހަގަކުރެވިފައެވެ.

މި ކަންބޮޑުވުންތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ކަނޑައެޅިފައިވާ މުއްދަތުތަކާއި އެކަމުގައި ހިމެނޭ އެހެނިހެން ސަބަބުތަކާ ކަމަށާއި، މި މައްސަލަތަކާ ގުޅިގެން އިންޑަސްޓްރީގެ ގިނަ ފަރާތްތަކަކުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުންތައް ފޮނުވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑަސްޓްރީގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ޤާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޖަލްސާގައި ރަސްމީކޮށް އިފްތިތާޙްކުރި “ވިޒިޓް މޯލްޑިވްސް އިޔާ 2027” ގެ ލޯގޯ އަދި ޝިއާރަށް އިޝާރާތްކުރައްވައި، ކުރިއަށް އޮތް އަހަރުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީތައް ފުޅާ ދާއިރާއެއްގައި ފާހަގަކޮށް، ދުނިޔޭގެ ވާދަވެރިކަމުގެ ތެރޭގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި މިކަމުގެ ހެޔޮ މަންފާ ދިވެހި އިޤްތިޞާދަށް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް