މި އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މިނިސްޓީރިއަލް ކޮމިޓީން ކުރި މަސައްކަތާއި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެއަށް ޓޫރިސްޓުން ގެނައުމަށް އިތުރު ހަތް އެއާލައިނަކުން އޮޕަރޭޝަންތައް ފަށާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދަތުރުތައް ފަށަން ހަމަޖެހިފައިވާ އެއާލައިންތަކުގެ ތެރޭގައި ރަޝިޔާ، ބަލްގޭރިއާ، ވިއެޓްނާމް، އަދި އަރްމީނިއާގެ އެއާލައިންތަކުގެ އިތުރުން އިތިއޯޕިއަން އެއާލައިންސް، ފްރާންސްގެ ޕެރިސުން އޮޕަރޭޓްކުރާ ފްރެންޗް ބީ އަދި ކުވޭތު އެއާވޭސް ހިމެނެ އެވެ. މީގެތެރެއިން ދެ އެއާލައިނަކީ މީގެ ކުރިންވެސް ރާއްޖެއަށް ސީޒަނަލް ފްލައިޓްތައް ބާއްވާފައިވާ ދެ އެއާލައިނެވެ.
މިނިސްޓަރ ވިިދާޅުވި ގޮތުގައި މިފަދަ ބޮޑެތި އެއާލައިންތަކަކުން ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާތީ، ކުރިއަށް އޮތް ފަތުރުވެރިކަމުގެ ހައި ސީޒަނަކީ ރާއްޖެއަށް ވަރަށް ކާމިޔާބު އަދި އުއްމީދީ ސީޒަނަކަށް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މީގެ ކުރިން ދިމާވި ހާލަތްތަކާ ގުޅިގެން ބައިނަލްއަގުވާމީ ކަނެކްޝަންތައް ގެއްލިގެން ދިޔުމުން، ސަރުކާރުން އެޅި ފިޔަވަޅުތަކާއި އެއާލައިންތަކަށް އިންސެންޓިވައިޒް ކުރުމުގެ ގޮތުން ޖެޓް އޭ-1 ފިއުލްގެ އަގު ދަށްކުރުން ފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގި ކަމަށެވެ. އަދި މި މަސައްކަތްތަކާއެކު މި އަހަރުގެ ފަހު ސީޒަނަކީ ވަރަށް ކާމިޔާބު އަދި ރަނގަޅު ސީޒަނަކަށް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ސީދާ ދަތުރުތައް ބާއްވާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ހާއްސަކޮށް އަހަރުގެ ފަހު ކުއާޓަރަކީ ވިލާތާއި އޭޝިއާގެ ގައުމުތަކުގައި ފިނިމޫސުން ފެށޭ ދުވަސްވަރު ކަމަށްވުމުން، މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ”ހައި ސީޒަން“ އެވެ.
އަލަށް ދަތުރުތައް ފަށާ އެއާލައިންތަކުގެ ތެރޭގައި ޔޫރަޕާއި، މެދުއިރުމަތި އަދި އޭޝިއާ ގައުމުތަކުގެ އެއާލައިންތައް ހިމެނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ވަކި މާކެޓަކަށް ބަރޯސާނުވެ، އިތުރަށް ސިންދަފާތު ކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
މީގެ އިތުރުން އިތިއޯޕިއަން އެއާލައިންސް ފަދަ އެފްރިކާގެ މައި އެއާލައިނެއް ރާއްޖެއަށް ދަތުރުކުރުމަކީ އެފްރިކާ އަދި ދެކުނު އެމެރިކާގެ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވެސް މަގުފަހިވެގެންދާނެ ކަމެކެވެ. މިފަދަ އެއާލައިންތައް އިތުރުވުމަކީ ރާއްޖޭގެ އެއާޕޯޓްތަކުގެ ހިންގުން ފުޅާވެ، ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވުމަށް ލިބޭނެ ބޮޑު އެހީތެރިކަމެކެވެ.



