”ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް“ ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ޕޯޓަލެއް ތައާރަފުކޮށްފިއެވެ.
މިއީ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ހައްލު ކުރުމަށް އެހީތެރިވުމުގެ ގޮތިން ތައާރަފުކުރި ޕޯޓަލެކެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކަށް ދިމާވާ ކަންކަން ފަސޭހަކަމާއެކު އޮންލައިންކޮށް ހައްލު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ ދަތިތަކާއި ކަންބޮޑުވުންތައް ހުށަހެޅުމުގެ އިތުރަށް ސުވާލުތަކަށް ޖަވާބު ދިނުމާއި ޚިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ވެސް ފަހިކޮށް ދީފައިވެއެވެ.
މީގެ އިތުރުން ހުށަހަޅާ ކަންކަމުގެ އަދާހަމަ ބަލައި، އެކަމަކާ މެދު ނިންމާ ގޮތެއް ނުވަތަ، ޖަވާބުދާރީވުމުގައި އޮތް މަރުހަލާ ވެސް ޕޯޓަލު މެދުވެރިކޮށް ބަލާލެވޭނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ އީމެއިލާއި ފޯނު ކޯލް ނުވަތަ މިނިސްޓްރީ އަށް ސީދާ ގޮސްގެން ވިޔަފާރިތަކަށް ބޭނުންވާ ކަންކަން ހުށަހެޅުމުގެ ބަދަލުގައި ވީހާ ވެސް ފަސޭހަކޮށް ހިދުމަތްތައް ހޯދަން މަގުފަހި ކުރުމުގެ ގޮތުން ތައާރަފުކުރި ޕޯޓަލެއް ކަމަށެވެ.



