މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް މުހައްމަދު އައްޔަންކޮށްފިއެވެ.
ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި ހާރިސްއަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ހާރިސް މުހައްމަދަކީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި، މާކެޓިންގ، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ، މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ. އޭނާގެ ވަޒީފާގެ ޙަޔާތުގައި އަދާކުރައްވާފައިވާ އިސް މަޤާމުތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ގެ އެކްޓިން މެނޭޖިން ޑައިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޖެނެރަލް މެނޭޖަރުކަން ހިމެނެއެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ހާރިސް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، އޭނާއަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިން އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް ގެ ފެލޯޝިޕް ލިބިވަޑައިގެންފައިވާ ފަރާތެކެވެ.
އެމްޓީޑީސީގެ އެމްޑީގެ މަގާމަށް ހާރިސް އައްޔަން ކުރިއިރު، ކުރިން އެ މަގާމުގައި ހުންނެވި ނިޔާޒު މުހައްމަދު ވަނީ މިދިޔަ ހަފުތާގައި އެ މަގާމުން ދުރުކޮށްފައެވެ.



