ބީ.އެމް.އެލުން އަލަށް ޚިދުމަތްދޭން ފެށި 7 ބްރާންޗް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.
މި ބްރާންޗްތައް ގާއިމުކޮށްފައި ވަނީ، ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި، އަދި ލ. މާވަށުގައެވެ. މިއާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މި ވަނީ، ރާއްޖޭގެ 20 އަތޮޅުގައި، ޖުމްލަ 55 ބްރާންޗުން އެ ބޭންކުގެ ޚިދުމަތް ދޭން ފަށާފައެވެ.
މީގެ ތެރޭގައި މިދިޔަ ދެއަހަރުތެރޭގައި ހުޅުވި 17 ބްރާންޗް ހިމެނެއެވެ. ކޮންމެ ރައްޔިތަކާ ވީހާވެސް ގާތުން، ބޭންކިންގ ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައެވެ.



