ހޮރުމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއި އީރާނާ ދެމެދު އަލުން ކުރިމަތިލުންތައް ފެށުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.
އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެ، ހޮރުމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ދެގައުމުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ހޯމަ ދުވަހު ވަނީ 4 އިންސައްތައަށްވުރެ މައްޗަށް ގޮސްފައެވެ.
އެ ގޮތުން ސެޕްޓެމްބަރު މަހު ސަޕްލައިކުރުމަށް ހަމަޖެހިފައިވާ ބްރެންޓް ފިއުޗާސްގެ އަގު ޖީއެމްޓީ ގަޑިން 02:00 ހާއިރު ހުރީ ފީފާއަކަށް 79.29 ޑޮލަރުގައެވެ. މިއީ ޖޫން 22 ގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އާދީއްތަ ދުވަހު ބުނީ އީރާނުގެ އެތައް ސަތޭކަ އަމާޒަކަށް ހަމަލާދިނުމަށްފަހު، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމަށް އީރާނުންގެ ގާބިލުކަން ކުޑަކުރުމަށްޓަކައި އިތުރު ހަމަލާ ވަނީ ދީފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން މި ހަމަލާތައް ދީފައިވަނީ، ސައިޕްރަސްގެ ދިދަ ޖަހާފައިވާ ”އެމްވީ ޖީއެފްއެސް ގެލެކްސީ“ ނަމަކަށް ކިޔާ ކޮންޓޭނަރު އުޅަނދަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް ތުހުމަތުކުރުމަށްފަހުއެވެ.



