ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ފަށައިފިއެވެ.
ގައުމި އެއާލައިން، މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓުގައި އައްޑޫން ފެށި މި ތާރީހީ ދަތުރަށް އުމްރާވެރިން ފުރީ ރޭ ދަންވަރު 1230 ގައެވެ. ޓްރެވަލާގެ މި ދަތުރުގައި އައްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅުތަކުގެ ރަށްތަކުން ވެސް މީހުން އުމްރާއަށް ގޮސްފައިވެއެވެ.
މޯލްޑިވިއަންގައި އައްޑޫ ގަމުން އުމްރާ އަށް ފުރާ މީހުން ދަތުރުކުރާނީ ސީދާ ޖިއްދާއަށެވެ.
ޓްރެވެލާ އިން މިފަދަ ބޮޑު ލުއެއް ގެނެސްދީފައިވާތީ މިކަން ވަރަށް ގިނަ ބަޔަކު ފާހަގަކޮށް އެ ކުންފުންޏަށް އަންނަނީ ޝުކުރު ވެސް އަދާކުރަމުންނެވެ. އައްޑޫން ސީދާ އުމްރާ އަށް ދެވޭ ގޮތަށް ދަތުރުރަކެއް ކުރަން ނިންމިކަން ޓްރެވެލާ އިން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ އެޕްރީލް މަހުގެ މަހުގެ މެދުތެރޭގައެވެ.
އަދި ދަތުރުތައް ކުރާނެ ދުވަސްތަކާއި އަގުތައް ރަސްމީކޮށް އިއުލާންކުރީ އެ ކުންފުނިން އިންތިޒާމުކޮށްގެން ސިޓީތަކަށް ހާއްސަކޮށްގެން އެޕްރީލް މަހު ގެންދިޔަ ދަރުސް ޓުއާގެ ތެރެއިން އައްޑޫގައި އެ މަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވި ދަރުސްގެ ތެރޭގައެވެ.
އެގޮތުން ރޭ ފުރަތަމަ ދަތުރު ފެށިއިރު، އައްޑޫން ބާއްވާ އުމްރާގެ ދެވަނަ ދަތުރު އޮންނާނީ މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. ފަނަރަ ދުވަހުގެ މި އުމްރާ ދަތުރުތަކުގެ އަގަކީ 29،999ރ. އެވެ.



