މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބޭރުގެ އީކޮމާސް ވެބްސައިޓުތަކުގައި ކުރެވޭ މުއާމަލާތްތަކަށް ލިމިޓުތަކެއް ކަނޑައަޅައި، މަހެއްގެ މައްޗަށް ކުރެވޭ މުއާމަލާތުގެ އަދަދު 10 އަށް މަދުކޮށްފިއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރުގެ ހިދުމަތް ފޯރުކޮށްދިނުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކަމަށް އެމްއައިބީން ބުނެއެވެ. ބޭންކުން ފާހަގަކުރާ ގޮތުގައި، 250 ޑޮލަރުގެ ލިމިޓަކީ އަސްލު ޒަރޫރީ ބޭނުންތަކަށް ކަނޑައަޅާފައިވާ މިންވަރަކަށް ވީ ނަމަވެސް، ބައެއް ކަސްޓަމަރުން އެ ލިމިޓް އެހެން ބޭނުންތަކަށް ވެސް ބޭނުންކުރަމުން ދިއުމުގެ ސަބަބުން މި ފިޔަވަޅުތައް އަޅަން ޖެހުނީއެވެ. މި ނިންމުމާ އެކު، އީކޮމާސް ވެބްސައިޓުތަކުން ވިޔަފާރި ކުރުމަށް މިހާރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
މިރެއިން ފެށިގެން އަމަލުކުރަން ފެށި މި އާ އުސޫލުގެ ދަށުން، އީކޮމާސް ވެބްސައިޓުތަކުގައި މަހެއްގެ މައްޗަށް ކުރެވޭނީ 10 މުއާމަލާތެވެ. އަދި ބައެއް ވިޔަފާރި ސައިޓުތަކުން މި ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތަށް ބޭންކުން ވަނީ ހަމަޖައްސާފައެވެ. މި ފިޔަވަޅުތަކުގެ މަގްސަދަކީ ޑޮލަރުގެ ބޭނުން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ފުރުސަތު ފުޅާކުރުމެވެ.
އީކޮމާސް ވެބްސައިޓުތަކަށް އެޅި ފިޔަވަޅުތަކާ އެކު ވެސް، ޒަރޫރީ ބައެއް ހިދުމަތްތަކަށް 250 ޑޮލަރުގެ ލިމިޓްގެ ތެރެއިން މުއާމަލާތް ކުރެވޭނެ ކަމަށް ބޭންކުން ޔަގީންކަން ދެއެވެ. އޭގެ ތެރޭގައި ސަބްސްކްރިޕްޝަން ހިދުމަތްތަކާއި، ރާއްޖޭން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތައް މެދުވެރިކޮށް ކުރާ ވިޔަފާރިތަކާއި، ސިއްހީ ހިދުމަތްތަކާއި، އަދި ޗުއްޓީ ހޭދަކުރުމަށް ކުރާ ހަރަދުތައް ހިމެނެއެވެ. މި ހިދުމަތްތަކަށް ލިމިޓްގެ ތެރެއިން ޑޮލަރު ބޭނުން ކުރުމުގެ ފުރުސަތު ކުރިއެކޭ އެއްގޮތަށް ލިބޭނެއެވެ.
އެމްއައިބީގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް 250 ޑޮލަރުގެ ލިމިޓެއް ދެމުން އަންނަނީ ވަކި މުއްދަތަކަށް ބޭންކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށެވެ. ގައުމީ ފެންވަރުގައި ބޭރު ފައިސާ ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާތީ، ރާއްޖޭގެ އެހެން ބޭންކުތަކުން ވެސް ވަނީ ރުފިޔާ ކާޑުތަކުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށް މިފަދަ ހަރުކަށި ލިމިޓުތަކެއް ކަނޑައަޅާފައެވެ.



