- Advertisement -spot_img

ސައުދީގެ ފްލައިނާސް އެއާލައިންސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި

ސައުދީ އަރަބިއްޔާގެ ބަޖެޓު އެއާލައިން ފްލައިނާސްއިން ހަފުތާއަކު ތިން ފަހަރު ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަން އަލުން ފަށައި، ފުރަތަމަ މަތިންދާބޯޓު އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.

އެ އެއާލައިނުގެ ދަތުރުތައް އޮންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުއެވެ. ހަފުތާއަކު ތިން ދުވަހު މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާއިރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނި ގޮތުގައި މި ދަތުރުތަކަކީ ރާއްޖެއާއި ސައުދީ އަރަބިއްޔާގެ މެދުގައި ވައިގެ ދަތުރުތައް އިތުރަށް ހަރުދަނާކޮށްދޭނެ މުހިންމު ދަތުރުތަކެކެވެ.

ފްލައިނާސް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ކުރި ފުރަތަމަ ދަތުރުގައި ރިޔާޟުން ރާއްޖެއަށް އައި ފްލައިނާސްގެ މަތިންދާބޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވޯޓާ ސެލިއުޓަކާއެކު މަރުހަބާ ކިޔާފައިވެއެވެ.

އަދި އެ މަތިންދާބޯޓުގައި ރާއްޖެއަށް އައި ދަތުރުވެރިންނަށް ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އަދި އެ މަތިންދާބޯޓުގައި ރާއްޖެއަށް އައި ދަތުރުވެރިންނާއި އެ މަތިންދާބޯޓުގައި ރާއްޖެއިން ފުރައިގެން ރިޔާޟަށް ދަތުރުކުރި ފަސިންޖަރުންނަށް ހަދިޔާއެއްވެސް ދީފައިވެއެވެ.

އެމްއޭސީއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފްލައިނާސްގެ ދަތުރުތައް އަލަށް ފެށުމަކީ މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށާއި، އަދި އެ ދަތުރުތަކާއެކު މެދުއިރުމަތިން ރާއްޖެއަށް އަންނަ ދަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ބައިނަލްއަގުވާމީ އެއާލައިންތައް އިތުރުކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި ކުންފުނީގެ މައިގަނޑު އަމާޒަކީ، ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމާއެކު، ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ ވައިގެ އުދުހުންތަކުގެ ދާއިރާ ކުރިއެރުވުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް