- Advertisement -spot_img

މަސްގަންނަ އަގު 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓެމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް: ރައީސް

މިފްކޯއަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓެވުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ޝާއިޢުކުރެވުނު ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކުރެވިފައިވާ މި އެޕިސޯޑްގައި ރައީސް ވިދާޅުވީ، ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތް ހާލަތު ރަނގަޅުކޮށް، އެ ސިނާއަތް ކޮޅަށްޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މިފްކޯއަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓެވުމަކީ އަމާޒެއް. އުންމީދަކީ އަދި އެއަށްވުރެ މައްޗަށް ގެންދެވޭގޮތެއްވުމުން އެކަންވެސް ކުރެއްވުން،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުން ދިވެހި މަހުގެ އުފެއްދުންތަކުން ޓެރިފް ކަނޑާލާފައި އޮތް އޮތުން ދާއިމީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ މަސްވެރިންނަށް އެންމެ ރަނގަޅު އަގެއް ދެވޭނީ މިކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެން ކަމަށެވެ. އަދި މިކަން ހާސިލުކުރުމުގެ މަސައްކަތްތައް، ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކަށް މީހުން ދިއުމުގެ ސަބަބުން މަސްވެރިން މަދުވުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް، ސަރުކާރުގެ ކުންފުނިތައް ހަރުދަނާކޮށް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ސަބަބުން، މުޅި އިޤްތިޞާދަށާއި މަސްވެރިކަމުގެ ސިނާޢަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، މާލޭގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް އެއްވެސް ފަރާތަކުން ހުރަސްއެޅުމަކީ އެއްވެސް ބަޔަކަށް ފައިދާވާނެ ކަމެއް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް