ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގައި ފިޔާގެ ސްޓޮކް ހުސްނުވެ އެބަހުރި ކަމަށާއި، އާންމުންނަށް ކުރިއެކޭ ވެސް އެއްފަދައިން ކިލޯއެއް 13ރުފިޔާގެ މަގުން ލިބެން ހުންނާނެކަން ކަށަވަރުކޮށްދީފިއެވެ.
އެ ކުންފުނިން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ބާޒާރުން ފިޔާ ލިބުން ދަތިވެ އަގު އިންތިހާއަށް ބޮޑުވެފައިވާކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އެގޮތުން، އެއްވެސް ބަދަލެއް ނުގެނެސް، އާންމުކޮށް ވެސް އެ ކުންފުނިން ފިޔާ ވިއްކަމުން އައި އަގުކަމަށްވާ 13 ރުފިޔާއަށް މިހާރު ވެސް ކިލޯއެއް ގަންނަން ލިބޭނެކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހޯލްސޭލް އުސޫލުން ފިޔާ ވިއްކުމުގެ މަސައްކަތް ފަށާނެކަން ވެސް އެސްޓީއޯއިން ވަނީ އިއުލާނުކޮށްފައެވެ. އަދި ހަމައެއާ އެކު، މާލެއެކޭ އެއްފަދައިން ރަށްރަށުގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް ބޭނުންވާ ވަރަށް ފިޔާ ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާކަމުގެ ޔަޤީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.



