- Advertisement -spot_img

ކްރެޑިޓް ކާޑުތަކުން އިތުރު ޗާޖެއް ނަގާކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ އަދި ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ޖުމްލަ 40 ޕަސެންޓާ ހަމައަށް ޗާޖުކުރާ ކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ބޭންކުގެ ޝެޑިއުލް އޮފް ޗާޖަސްގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖެއިން ބޭރުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ކްރޮސްބޯޑާ މުއާމަލާތްތަކުގައި، އެ މުއާމަލާތަކީ ޔޫއެސް ޑޮލަރު ނޫން އެހެން ފައިސާއަކުން ކުރާ މުއާމަލާތެއް ނަމަ، ނުވަތަ އެ މުއާމަލާތެއް ކުރަނީ ދިވެހި ރުފިޔާ އެކައުންޓަކުން ނުވަތަ ދިވެހި ރުފިޔާއިން ފައިސާދައްކާ ކްރެޑިޓް ކާޑަކުން ނަމަ، އެންމެ ގިނަވެގެން 10 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެއެވެ. ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މިއީ އަލަށް ތައާރަފުކުރި ފީއެއް ނޫނެވެ. މިއީ ކާޑުގެ ހިދުމަތްދޭ އެހެނިހެން ގައުމުތަކުގެ ބޭންކުތަކުން ވެސް އޮޕްޝަނަލް އިޝުއާ ފީގެ ނަމުގައި ނަގަމުން އަންނަ ފީއެކެވެ.

އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑުތައް ވިޔަފާރީގެ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރާތީ، ވަކި އީ-ކޮމާސް ސައިޓުތަކަކުން ކުރާ މުއާމަލާތްތަކަށް 30 ޕަސެންޓާ ހަމައަށް ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބޭންކުން ސާފުކޮށްދިން ގޮތުގައި މި ފީއަކީ 10 ޕަސެންޓުގެ ތެރެއަށް އިތުރުކޮށްގެން ނަގާ ފީއެއް ނޫނެވެ. އަދި މިހާތަނަށް ކްރެޑިޓް ކާޑުތަކަށް މި ފީ ނަގަމުން ނުދާއިރު، މީގެ ތެރެއިން ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެވެސް އެއް ފީއެކެވެ. ބޭންކުން ފާހަގަކުރާ ގޮތުގައި، އެއްވެސް ފީއެއް ނުނަގައި ބޯޑަރު ހުރަސްކޮށް މުއާމަލާތްތައް ހިންގުމަކީ މާލީ އަދި އޮޕަރޭޝަނަލް ގޮތުން އެއްވެސް ބޭންކަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

ބާޒާރުގައި ޑޮލަރު ލިބުމުގެ ދަތިކަން ހުރި ނަމަވެސް، ބޭސްފަރުވާއާއި، ދަތުރުފަތުރު އަދި ކިޔަވާ ކުދިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކާޑުތަކުގެ ލިމިޓް ވަނީ ބޮޑުކޮށްފައެވެ. މިގޮތުން ބޭސްފަރުވާއާއި ދަތުރުފަތުރަށް މަހަކު 3،000 ޔޫއެސް ޑޮލަރު، ޕީއޯއެސް އަށް 1،000 ޔޫއެސް ޑޮލަރު، އީ-ކޮމާސްއަށް 250 ޔޫއެސް ޑޮލަރު، އަދި އޭޓީއެމްއިން ނެގޭ އަދަދު 150 ޔޫއެސް ޑޮލަރަށް ވަނީ ކަނޑައަޅާފައެވެ. މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ބީއެމްއެލްއިން ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ އެވްރެޖްކޮށް މަހަކު 69 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖާ އަޅާބަލާއިރު 47 ޕަސެންޓް އިތުރު އަދަދެކެވެ.

ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން އޮންލައިންކޮށް ހިންގާ މުއާމަލާތްތައް އިތުރުވުމާ ގުޅިގެން، އޮންލައިން ސައިޓްތަކަށް ކަނޑައަޅާފައިވާ ދުވަހުގެ ބަޖެޓް ހަމަވުމުން މުއާމަލާތް ނުކުރެވޭ މައްސަލައަށް މި މަސް ނިމެންވާއިރަށް ހައްލެއް ހޯދުމަށް ބޭންކުން ދަނީ މަސައްކަތްކުރަމުންނެވެ. ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާ އަޅާބަލާއިރު ދިވެހި ރުފިޔާގެ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ މަތީ ލިމިޓެއް ދޭ ބޭންކަކީ ބީއެމްއެލްއެވެ. އެހެންނަމަވެސް، އެއްވެސް ދަތިކަމެއް ނެތި ބޭރުގެ މުއާމަލާތްތައް މެދުކެނޑުމެއްނެތި ކުރުމަށް އޮތް އެންމެ ފުރިހަމަ ހައްލަކީ ޑޮލަރު ކާޑު ބޭނުންކުރުން ކަމަށް ބޭންކުން އިރުޝާދުދެއެވެ.

ގުޅުންހުރި ލިޔުންތައް