ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ބިނާކުރުމާއި ޕޭވްމަންޓް އެޅުމުގެ ބޮޑު މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ޙުސެއިން ޝަފީގެވެ.
އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޮޑު ކުރިއެރުމެއް އަންނާނެ މި މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނދަރުގެ ބޭސިން ފުންކޮށް ހިއްކުމާއި، 112 މީޓަރުގެ އެއްގަމު ތޮށި ޝީޓްޕައިލް ކުރުމާއި، 30 ޓަނުގެ ބޯލާޑްސް (އުޅަނދުފަހަރު އައްސާ ތަންތަން) ޖެހުން އަދި ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ފުރިހަމަކުރުމެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖުމްލަ 18.80 މިލިޔަން ރުފިޔާ އަށެވެ. އަދި މި މަސައްކަތް އެއްބަސްވުމުގައިވާ ގޮތުގެ މަތިން 120 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމަން ޖެހެއެވެ.
މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުމުން، އެމްޕީއެލްއިން ތިލަފުށީގައި ހިންގަމުންދާ ކާގޯ އަދި ސިނާއީ އެކި އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި އާންމުންނަށާއި ވިޔަފާރިވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުدަނާވެ، އަވަސްވެގެންދާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެއެވެ.
މި މަޝްރޫއު ކުރިއަށް މިގެންދަނީ ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ އެތައް ސަތޭކަ މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާފައިވާ، ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކުންފުނި ކަމަށްވާ އެމްޓީސީސީގެ ބެލުމުގެ ދަށުންނެވެ.



