- Advertisement -spot_img

ޢީދަށްފަހު މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ޤާއިމުކުރަނީ

މިހާރު ކުރިއަށްދާ އަޟްޙާ ޢީދުގެ ބަންދަށްފަހު މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ޤާއިމުކުރެވޭނެ ކަމަށާއި، އެއާއެކު ރާއްޖޭގެ މަސްވެރި ހުރިހާ ސަރަހައްދަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުން ކަމަށް ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީ ނަމަވެސް، މަސްވެރިންނަށް އެކަމުގެ ތަކުލީފު ކުޑަކޮށްދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޭޝަންތައް ބިނާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރި އަތޮޅުތަކުގެ ތެރެއިން މިވަގުތު ތެޔޮ ލިބުމުގެ ދަތިކަން ކޮންމެވެސް މިންވަރަކަށް އޮތީ މ. އަތޮޅުގައި ކަމަށެވެ. އެ އަތޮޅާ ޖެހިގެން ހުރި އަތޮޅުތަކުން ތެޔޮ ލިބޭތީ ޝަކުވާ ބޮޑުނޫން ނަމަވެސް، މަދުންނަމަވެސް އަންނަ ޝަކުވާތަކަށް ދާއިމީ ޙައްލެއް ހޯދުމަށް މި ޢީދަށްފަހު މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ޤާއިމުކުރެވުމުން، މަސްވެރި ހުރިހާ އަތޮޅެއް ކަވަރުކުރެވޭނެއެވެ.

މަސްވެރިންނަށް އެސްޓީއޯގެ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. ކުރިން ހަތަރު ސަރަހައްދަކުން މަސްވެރިންނަށް ތެޔޮ ލިބުނު ނަމަވެސް، މިހާރު ވަނީ އިތުރު ނުވަ ސަރަހައްދެއްގައި އެ ޚިދުމަތް ފަށާފައެވެ. ސަރުކާރުގެ މި ސިޔާސަތުގެ ދަށުން މިހާތަނަށް މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް