ޔޫރަޕްގެ ބާޒާރަށް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދާ ޓެރިފް ނުވަތަ ޑިއުޓީ ކަނޑާލުމަށްޓަކައި މަޝްވަރާތައް ކުރިއަށްދާކަމަށް ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުގައި ރަނގަޅު އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މުހިންމު މަޝްވަރާތަކެކެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ހަމައެކަނި އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުން ޑިއުޓީ ކަނޑާލުން ނޫން ކަމަށެވެ. އެކަމަނާ ވިދާޅުވީ ”ކުރިއަށް އޮތް ތާނގާއި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ހަމައެކަނި އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ ޑިއުޓީ މަަޢާފްކުރުމެއް ނޫން. އޭގެ ބަދަލުގައި ދާޢިމީ ގޮތެއްގައި އިނގިރޭސިވިލާތަށް ބޭރުކުރާ ތަކެތިން ޑިއުޓީ މަޢާފްކުރެވި ޔޫރަޕިއަން މާކެޓަށް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވައްތަކުގެ ނެގޯޝިއޭޝަންސް ކުރިއަށް ގެންދިއުން“ ކަމަށެވެ.
މިހާރު ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓް ކުރާ ކަނޑުމަހަށް ނަގަމުންދަނީ ބޮޑު ޓެރިފެކެވެ. އެގޮތުން، މަސް ޕްރޮސެސް ކޮށްފައިވާ ގޮތަށް ބަލައި 22 އިންސައްތައާއި 24 އިންސައްތައާ ދެމެދުގެ ޓެރިފެއް ނަގަމުންދެއެވެ. މީގެ ތެރޭގައި ކަނޑުމަސް ގަނޑުކޮށްގެން އެތެރެކުރާނަމަ 22 އިންސައްތަ ޓެރިފެއް ނަގާއިރު، ދަޅުމަހުގެ ބާވަތްތަކުން 24 އިންސައްތަ ޓެރިފެއް ނަގައެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ މިންވަރު އިތުރުކޮށް، އެކްސްޕޯޓް ކުރާ ބާވަތްތައް މުއްސަނދި ކުރުމެވެ. އަދި ރާއްޖޭގެ މުދަލާއި ޚިދުމަތްތައް އެކަށީގެންވާ ފެންވަރަކަށް ތަރައްޤީވުމުން، ވިލާތުގެ ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމަކީ ސަރުކާރުގެ ދުރު ރާސްތާގެ އަމާޒެކެވެ.
މި މަޝްވަރާތައް ކާމިޔާބުވެ ޓެރިފް ކަނޑާލެވިއްޖެނަމަ، ދިވެހި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި މަހުގެ ވާދަވެރިކަން ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.



