ބ. ދަރަވަންދޫ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް ތަރައްގީކުރުމަށްޓަކައި، ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ނިޒާމު ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އުމްރާނީ ތަރައްގީ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގެ ދަށުން މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއީ ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ކުންފުނިތަކުގެ އިންވެސްޓްމަންޓާއެކު އަވަސް ދުވެއްޔެއްގައި މަޝްރޫއުތައް ނިންމުމަށް މަގުފަހިކޮށްދޭނެ ނިޒާމެކެވެ.
އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި، މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ. ޕްރޮޕޯސަލްތައް ބަލައިގަންނާނީ ހަމައެކަނި މި ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެކަންޏެވެ.
ދަރަވަންދޫ އެއާޕޯޓަކީ 2012 ވަނަ އަހަރު ހުޅުވި، ރާއްޖޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް އެތެރޭގެ ވައިގެ ބަނދަރެވެ. ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގައި އޮންނަ މި އެއާޕޯޓުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް އަށަކަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކުރެ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެއާޕޯޓް ހުޅުވިފަހުން މިހާތަނަށް 42،000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށް، 1.8 މިލިއަން ފަސިންޖަރުންނަށް ވަނީ ޚިދުމަތްދީފަ އެވެ. މީގެ ތެރެއިން 72 އިންސައްތަ ފަސިންޖަރުންނަކީ ބައިނަލްއަގުވާމީ ފަތުރުވެރިންނެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން ވަނީ މި އެއާޕޯޓު ހިންގުން ރަސްމީކޮށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފަ އެވެ. އައު ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި 959 އަކަމީޓަރުގެ ޓާމިނަލް 1،874 އަކަމީޓަރަށް ބޮޑުކުރެވިގެންދާނެ އެވެ. މީގެ ސަބަބުން ގަޑިއިރެއްގެ ތެރޭގައި ހިދުމަތްދެވޭ ފަސިންޖަރުންގެ އަދަދު 80 އިން 175 އަށް އިތުރުވެގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.



