އަންނަ ޖޫން މަހު ފެށޭ ފީފާ ވޯލްޑްކަޕް މުބާރާތާ ގުޅުވައިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ އިން އެކުންފުނީގެ ސޯޝަލް މީޑިއާގައި އިއުލާންކުރި ގޮތުގައި މިއަދުން ފެށިގެން އެސްޓީއޯގެ ފިހާރަތަކުގައި ވަކި ވަރަކަށް ވިޔަފާރިކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
އެގޮތުން، އެސްޓީއޯގެ ފިހާރަތަކުން 500 ރުފިޔާއިން މަތީގެ ރީޓެއިލް ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ބާއްވާ ގުރުއަތަކުން ހޮވޭ ފަރާތަކަށް މެލޭޝިޔާ ދަތުރެއް ކާމިޔާބުކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އަދި އެސްޓީއޯއިން ހޯލްސޭލްކޮށް 3000 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ވަނަވަނައަށް ހޮވޭ ފައިސާގެ އިނާމު ލިބޭނެ ކަމަށް އެކުންފުނީގެ އިޝްތިހާރުގައިވެއެވެ.
1 ވަނައަށް 30،000 ރުފިޔާ
2 ވަނައަށް 20،000 ރުފިޔާ
3 ވަނައަށް 10،000 ރުފިޔާ
މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ހޮވާލެވޭ ނަސީބުވެރި 3 ފަރާތަކަށް 60،000 ރުފިޔާގެ އަގުހުރި މުދާތައް ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯ އިން ބުންޏެވެ.



