ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ވޯލްޑް ކަޕް ކޮލިފައިން: ސްލޮވާކިއާ އަތުން ޖަރުމަނު ބަލިވެއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި ޖަރުމަނު ކުޅުނު ފުރަތަމަ މެޗުގައި ރޭ ސްލޮވާކިއާ އަތުން 2-0 އިން ބަލިވެއްޖެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޖަރުމަނު ހިމެނެނީ ސްލޮވާކިއާ އާއި ނޮދަން އަޔަލޭންޑް އަދި ލަގްޒަމްބާގްއާ އެކު ގްރޫޕް އޭ ގައެވެ. މިއީ ޖަރުމަނުގެ ތާރީހުގައި ވެސް ވޯލްޑް ކަޕް ކޮލިފައިންގައި އެޓީމު ބަލިވި ހަތަރުވަނަ މެޗެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޖަރުމަނު އަދި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ސްލޮވާކިއާ އަށް ފުރަތަމަ ގޯލު މެޗުގެ 42 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑޭވިޑް ހަންކޯ އެވެ. މިއީ ޖަރުމަނުގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ހަންކޯ ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ހާފުގެ ކުރީކޮޅު ނަތީޖާ އެއްވަރުކޮށްލަން ޖަރުމަނުގެ މިޑްފީލްޑަރު ގޮރެޓްޒްކާ އަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ސްލޮވާކިއާގެ ކީޕަރެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޖަރުމަނު އަދި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްލޮވާކިއާގެ ދެވަނަ ގޯލު މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑޭވިޑް ސްޓްރެލެޗް އެވެ. މިއީ ސްލޮވާކިއާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ޖަރުމަނުގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

ކޮލިފައިންގެ ދެވަނަ މެޗުގައި ޖަރުމަނު ނިކުންނާނީ ނޮދަން އަޔަލޭންޑާއި ދެކޮޅަށެވެ.

ޔޫރަޕްގެ ކޮލިފައިން ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އަށްދާ ޓީމަށް އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ގްރޫޕްގެ ދެ ވަނަ އަށްދާ ޓީމު ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.

ގުޅުންހުރި ލިޔުންތައް