ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ފަލަސްތީން ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ރާއްޖޭގައި ބޭއްވޭ ގޮތް ސަރުކާރުން ހަދައިފި

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމްގެ ތަމްރީނުތައް ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

މިކަން ނިންމާފައި ވަނީ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި އެފްއޭއެމްގެ އިސްވެރިން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

އޭއެފްސީ އޭޝިއަން ކަޕްގައި ވާދަކުރާ ފަލަސްތީނުގެ ޓީމުގެ ތަމްރީނު ކޭމްޕެއް ރާއްޖޭގައި ބޭއްވުމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން އެފްއޭއެމްގައި އެދުމާ ގުޅިގެން، އެފްއޭއެމްއިން ވަނީ މިކަމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

ފަލަސްތީނުގެ ޒުވާން ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 8 އިން 19 އަށެވެ. ފަލަސްތީނުގެ ޓީމުން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއެކު ރަހުމަތްތެރިކަމުގެ ދެ މެޗެއް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 63،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މީގެ ތެރޭގައި ކުޅިވަރުގެ ދާއިރާގެ 800 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އަނަޑޯލް އެޖެންސީގެ ރިޕޯޓެއްގައި ބުނާ ގޮތުން، ފާއިތުވި 22 މަސް ދުވަހުގެ ތެރޭގައި ޝަހީދުވި 808 އެތުލީޓުންގެ ތެރޭގައި 421 ފުޓުބޯޅަ ކުޅުންތެރިން ހިމެނޭއިރު، އޭގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.

މި ހަމަލާތަކުގައި ޣައްޒާގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރގެ 90 އިންސައްތަ ވަނީ ހަލާކުވެފައިވާއިރު، އެންމެ ފަހުން ޝަހީދުވެފައި ވަނީ ފަލަސްތީނުގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ސުލައިމާން އަލް އުބައިދެވެ. ހަމަލާތަކުގައި ގިނަ އެތުލީޓުންނާއި ކޯޗުންނާއި ރެފްރީން ޝަހީދުވުމުގެ އިތުރުން، ކުޅިވަރު ކުޅޭ ގިނަ ތަންތަނަށް ބޮން އަޅައި، އަންދާލައި، މިހާރުދަނީ ބޮޑެތި ކައްވަޅުތަކުގެ ގޮތުގައި ބޭނުން ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް