އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް 1-0 އިން ބަލިކޮށް ލިވަޕޫލުން ލީގުގައި ކުޅުނު ތިންވަނަ މެޗުން ވެސް މޮޅުވެއްޖެއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ލިވަޕޫލަށް މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ޑޮމިނިކް ސޮބޮސްލާއި އެވެ. މިއީ އާސެނަލްގެ އޭރިއާގެ ބޭރުން ފޮނުވާލި ހިލޭޖެހުމަކުން ސޮބޮސްލާއި ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން މާގިނަ އެޓޭކުތަކެއް ފެނިގެން ގޮސްފައި ނުވާއިރު، އާސެނަލްއާ ދާދިފަހުން އަލަށް ގުޅުނު އެބްރެޗީ އެޒޭ ވަނީ ދެވަނަ ހާފުގައި ކުޅެން އަރައި ފުދޭވަރަކަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު ލިވަޕޫލުން ބައްދަލުކުރާނީ ބާންލީއާއެވެ. އާސެނަލް އަމިއްލަ ދަނޑުގައި ނިކުންނާނީ ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށެވެ.