ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފިއެވެ.

ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ވަރުގަދަ ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ޒަމާންވީ ގާތް އެކުވެރިކަމުގެ މައްޗަށް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޗައިނާ-ރާއްޖެ ކޮމްޕިހެންސިވް ސްޓްރެޓިޖިކް ޕާޓްނަޝިޕް (2024-28) އާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސްއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި އެހެން ގައުމުތަކުގެ ލީޑަރުންނާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސްއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން އެސްސީއޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. ވަކީން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާ ހުރެ އިގްތިސާދުތައް ރޫޅިގެންދާ ދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގްވާމީ އެއްބާރުލުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސްއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

އެސްސީއޯ އަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގްތިސާދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން އެ ސަރަހައްދުގެ 6 ގައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ. ދެހާސް އެއްވަނަ އަހަރު މިޖަމިއްޔާ އުފައްދާފައިވަނީ ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.

ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމިއްޔާ ކަމުގައިވާ އެސްސީއޯގައި މިހާރު 10 މެންބަރު ގައުމު ހިމެނެ އެވެ. އަދި އޮބްޒާވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ގައުމުތައް ހަރަކާތްތެރިވެ އެވެ. ދިވެހިރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.

ގުޅުންހުރި ލިޔުންތައް