ސްޕެނިޝް ލީގުގައި މަޔޯކާ އިން ގޯލެއް ޖަހާފައިވަނިކޮށް ރެއާލް މެޑްރިޑުން ފަހަތުން އަރައި 2-1 އިން މޮޅުވެއްޖެއެވެ.
ރެއާލް ދަނޑުގައި ކުޅުނު މި މެޗަށް އެ ޓީމުން ނެރުނު ފުރަތަމަ އެގާރައިގައި ޓްރެންޓް އަލެކްސަންޑާ އާނޯލްޑަށް ވަނީ ފުރުސަތު ދީފައެވެ. ރެއާލުން ކުޅުނު ދެ ވަނަ މެޗުގައި އާނޯލްޑް ބެންޗުގައި އިންނަން ޖެހުނުއިރު، އޭނާ އަށް ވަނީ އިންގްލެންޑް ގައުމީ ޓީމުގެ ޖާގަ ކުރިއަށް އޮތް މެޗުތަކުގެ ސްކޮޑުން ގެއްލިފައެވެ.
މަޔޯކާ އިން ރޭގެ މެޗުގައި ލީޑުނެގީ، 18 ވަނަ މިނިޓްގައި ވޭދާތު މުރީގީ ޖެހި ގޯލުންނެވެ. މިއީ، ޕަބްލޯ ޓޯރޭ ނެގި ކޯނަރަކުން މުރީގީ ޖެހި ގޯލެކެވެ. އޭގެ ކުރިން، ރެއާލްގެ ކީލިއަން އެމްބާޕޭ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ރެއާލުން މެޗުގައި ނަތީޖާ އަނބުރާލީ ދެ މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން، މެޗުގެ 37 ވަނަ މިނިޓްގައި ރެއާލުން އެއްވަރުކުރީ، ޑީން ހައުސަން ދިން ބޯޅައަކުން އާޑާ ގުލެއާ ޖެހި ގޯލުންނެވެ. އަދި، އޭގެ މިނިޓެއް ފަހުން، ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ވިނީޝިއުސް ޖޫނިއާގެ ފެންވަރު ދައްކާލައި އޭނާ ޖެހި ގޯލުން ރެއާލުން ނަތީޖާ އަނބުރާލިއެވެ.
އެމްބާޕޭ ޖެހި އިތުރު ގޯލެއް ވެސް އޮފްސައިޑް ކަމަށް ނިންމި މި މެޗުގައި، ގުލެއާ ޖެހި ގޯލެއް ވަނީ ހޭންޑްބޯލް ވި ކަމަށް (އަތުގައި ޖެހުނު ކަމަށް) ބަލައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ކެންސަލް ކޮށްފައެވެ.
ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނީ ފުރަތަމަ ތިން މެޗުން މޮޅުވެގެން ފުރިހަމަކޮށް ފެށުމަކީ ރެއާލުން ދާން ބޭނުންވާ މިސްރާބުން ދިއުމަށްޓަކައި މުހިންމު ފިޔަވަޅެއް ކަމަށެވެ.