އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ތިން އަތޮޅެއްގައި ހައިވަކަރު ގަސް ބަހައިފި

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ތާރީހީ މަޝްރޫޢުގެ ދަށުން ކާފު އަތޮޅާއި، އަލިފު އަލިފު އަތޮޅު އަދި އަލިފު ދާލު އަތޮޅުގައި ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށް ނިންމާލާފައެވެ.

ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ގަސްގަހާގެހި އިތުރުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢު މިހާރު ވަރަށް ބާރަށް ކުރިއަށްދަނީ އެމްޓީސީސީއާ ގުޅިގެންނެވެ. މި ތިން އަތޮޅުގެ ރަށްރަށަށް ހައިވަކަރު ގަސް ބެހި ނިމުމަކީ މަޝްރޫޢުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ކުރިއަށް ދިޔަ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.

ހައިވަކަރު ގަހަކީ ދިގު މުއްދަތަކަށް ދެމިހުރެ، ތިމާވެއްޓަށް އެތައް ފައިދާތަކެއް ކުރާ ގަހެއް ކަމުން، މި ގަސްތައް އިންދުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން އާލާކޮށް، އާންމު ތިމާވެށި ރަނގަޅުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ވުޒާރާއިން ވިދާޅުވެއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މި ޤައުމީ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެންމެހައި އަތޮޅުތަކުގައި ހައިވަކަރު ގަސް އިންދުމަށް ރޭވިފައިވާއިރު، މިހާތަނަށް ތިން އަތޮޅެއްގައި މި މަސައްކަތް ފުރިހަމަވެފައިވުމަކީ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށްދާކަމުގެ ހެއްކެއް ކަމުގައި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބަޔާންކުރައްވައެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބާކީ އަތޮޅުތަކުގައި ވެސް މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް