އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމުކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބިނާކުރުމަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމުގެ ތިން ވަނަ ދުވަހުގެ ސެޝަންތައް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން މި ސެޝަންތަކުގައި ވަނީ ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރިކޯޑު ބެލެހެއްޓުމާއި، ނާދީގައި ހިންގާ ހަރަކާތްތަކާ ގުޅޭ ރިޕޯޓުތައް އެކުލަވާލާނެ ގޮތްތަކުގެ އިތުރުން، އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުވާލާފައެވެ. ހަމައެހެންމެ، މި ސެޝަންގެ ތެރެއިން ބައިވެރިން ވަނީ އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭން ފެށުމަށްޓަކައި،ރަށުގައި ޤާއިމްކުރެވިފައިވާ މުއައްސަސާތަކާ ގުޅިގެން ހިންގާނެ ހަރަކާތްތަކާއި، އިސްރަށްވެހިން މި ހަރަކާތްތަކުގައި ބައިވެރިކުރުމަށް ކުރާނެ ކަންކަން ހިމެނޭ ޕްލޭނެއް ތައްޔާރުކޮށް ހުށަހަޅާފައެވެ.

4 ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލީގޮތުން މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާނެ ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް މި ވުޒާރާއިން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.