ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީ އިން ފުރަތަމަ މޮޅު ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި، ވެސްޓްހަމް ޔުނައިޓެޑް އަތުން 5-1 އިން ޗެލްސީން ބޮޑު މޮޅެއް ހޯދައިފި އެވެ.

މިދިޔަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށިއިރު، ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ވަނީ އެއްވަރުވެފަ އެވެ. ފުރަތަމަ މެޗުގައި ވެސްޓްހަމް ވަނީ ސަންޑަލޭންޑް އަތުން 3-0 އިން ބަލިވެފައެވެ.

ވެސްޓްހަމްގެ ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ވޯމްއަޕްގައި ޗެލްސީގެ ތަރި، ކޯލް ޕާމާ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ އުމުރުން 18 އަހަރުގެ ބްރެޒިލްގެ އެސްޓެވާއޯ އެވެ.

މެޗު ފެށިގެން ހަ ވަނަ މިނެޓްގައި ލޫކަސް ޕަކޭޓާ ވަނީ ވެސްޓްހަމަށް ލީޑު ނަގައިދީފަ އެވެ. މިއީ ޗެލްސީގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ޕަކޭޓާ ކާމިޔާބުކުރި ގޯލެކެވެ.

ޗެލްސީން މެޗުގެ 15 ވަނަ މިނެޓްގައި ކޯނަރެއްގައި މާކް ކުކުރޭއާ ދިން ބޯޅައަކުން ޖައާއޯ ޕެޑްރޯ ވަނީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އޭގެ ދެ މިނެޓް ފަހުން ވެސްޓްހަމްގެ ޖަރުމަނު ފޯވާޑް، ނިކްލަސް ފުލްކްރޫގް އެޓީމަށް އަލުން ލީޑުނަގައިދިން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު، ނިންމީ އޮފްސައިޑް ކަމަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޗެލްސީން ވަނީ ދެ ގޯލު ކާމިޔާބުކޮށް ނަތީޖާ އަނބުރާލާފަ އެވެ. އެގޮތުން ޖައާއޯ ޕެޑްރޯ ނަގައިދިން ބޯޅައަކުން ޕެޑްރޯ ނެޓޯ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ތިންވަނަ ގޯލު އެސްޓެވާއޯ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ.

ޗެލްސީން ދެވަނަ ހާފުގައި ކާމިޔާބުކުރި ދެ ގޯލަކީ ވެސް ކޯނަރުތަކުން ކާމިޔާބުކުރި ގޯލުތަކެވެ. އެގޮތުން ޗެލްސީގެ މި ދެ ގޯލު ކާމިޔާބުކޮށްދިނީ މޮއިސަސް ކައެސޭޑޯ އާއި ޓްރެވާ ޗަލޯބާ އެވެ. މި ދެ ގޯލަށްފަހު ވެސް މި ހާފުގައި ޗެލްސީ އަށް ލީޑު އިތުރަށް ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް