ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ހަމަޖައްސައިފިއެވެ.
މިއީ މޯހަން ގައުމީ ޓީމާ ހަވާލުވި ފުރަތަމަ ފަހަރެވެ. އޭއެފްސީ ޕްރޯ ލައިސެންސް ހާސިލުކޮށްފައިވާ މޯހަންއާ ގައުމީ ޓީމު ހަވާލުކުރީ ތިން މަސް ދުވަހަށެވެ.
މޯހަންގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމުން އެންމެ އަވަހަށް ނުކުންނާނީ އަންނަ މަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗަށެވެ. ލަންކާގައި ކުޅުމަށް ހަމަޖެހިފައިވާ އެ ދެ މެޗަށް ފަހު، އޭޝިއަން ކަޕް ކޮލިފައިންގައި އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ކުޅޭ މެޗުތަކުގައި ވެސް ޓީމަށް އިރުޝާދު ދޭނީ މޯހަންއެވެ.
މޯހަން އެންމެ ފަހުން ކޯޗިން މަސައްކަތް ކޮށްފައިވަނީ ކްލަބް އީގަލްސްގައެވެ.
މޯހަން ވަނީ މީގެ ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު ވެސް އަދާކޮށްފަ އެވެ. އެގޮތުން، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން އުފުލާލި އިރު، އޭނާ ވަނީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
ކްލަބް ކެރިއަރުގައި މޯހަން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގަ އެވެ. އެގޮތުން، އޭނާގެ ކޯޗުކަމުގައި ނިއުއިން 2012 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މެޗަކުން ބަލިނުވެކަން ފާހަގަކޮށްލެވެއެވެ.
މޯހަން ވަނީ މީގެ ކުރިން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާކޮށްފައެވެ.
ގައުމީ ޓީމުގެ ކޯޗުގެ މަގާމު އެންމެ ފަހުން އަދާކުރީ، މިހާރު އެފްއޭއެމްއިން އެކުލަވާލާފައިވާ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާޕާސަން އަލީ ސުޒޭނެވެ.



