މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް، މާދަމާ މާދަމާ ހެނދުނު 6:00 އިން 10:00 އަށް ޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ނިންމާފައިވާކަމަށެވެ. އެހެންވެ މި މަސައްކަތް ކުރިއަށްދާ ވަގުތު، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން، ކޮންމެ ސަރަޙައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެކަމަށް އެކުންފުނިންބުންޏެވެ.
އަދި ރައްޔިތުންނަށް މުހިއްމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުން ކަރަންޓު ނުކެނޑޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަޙައްދުތައް ދުރާލާ އަންގަމުންދާނެކަން ވެސް ސްޓެލްކޯއިން ފާހަގަކުރިއެވެ.