އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ފަސް ލޯންޗް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ފަސް ލޯންޗް މިއަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކ. ދޫނިދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތުގައި އެ އުޅަނދުތައް ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންއާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. އެ ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ފަސް ލޯންޗް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ ނަވީން ވަނީ ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ޖަޕާނުން ހަދިޔާކުރި ފަސް ލޯންޗާ އެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށާއި އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވާނެ ކަމަށް ނަވީން ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ބައެއް ލޯންޗް | ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ނަވީން ވިދާޅުވީ އެ އުޅަނދުތައް ހިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރި ކަންކަމަށް ޕްރޮފެޝަނަލް ކަމާއެކު ބޭނުންކުރާނެ ކަމަށެވެ.

ޖަޕާނުގެ ސަފީރު ވިދާޅުވީ އެ އުޅަނދުތަކުގެ ބޭނުމަކީ މެރިން ޕޮލިސްގެ ގާބިލްކަން އިތުރުކޮށް، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމަށް އެހީތެރިވެދިނުން ކަމަށެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން، ދިވެހި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ކުރިއެރުމަށާއި ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދިނުމުގައި ޖަޕާން ސަރުކާރުން ދޭ އެހީތެރިކަން ފާހަގަކޮށް، އެ ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ޖަޕާނު ސަރުކާރަށް ވަނީ ހަނދާނީ ފިލައެއް ދީފައެވެ.

ޖަޕާން ސަރުކާރުން މިދިޔަ އަހަރު ވަނީ ދިވެހި ފުލުހުންނަށް 54 ކާރާއި ހަތަރު ވޭން ވެސް ހަދިޔާކޮށްފަ އެވެ. އަދި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓް ކިޓް އާއި ޕްރިކަސަ ފީލްޑް ޓެސްޓް ކިޓް އާއި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓް އަދި އެހެނިހެން ބައެއް ތަކެތި ވެސް ހަދިޔާކޮށްފަ އެވެ. ޖަޕާނުން ކުރިން ވަނީ އެމްއެންޑީއެފް އާއި ކަސްޓަމްސްއަށް ވެސް ބައެއް އުޅަނދުތައް ހަދިޔާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް