- Advertisement -spot_img

އައްޑޫ ސިޓީން ސީދާ ސައޫދީ އަރަބިއްޔާއަށް ދަތުރުތައް ފެށުމަށް ނިންމައިފި

އުމްރާގެ މާތް އަޅުކަން އަދާކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުން، އައްޑޫ ސިޓީން ސީދާ ސައޫދީ އަރަބިއްޔާއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޫން އެހެން އެއާޕޯޓަކުން ސައޫދީއަށް އުމްރާ ދަތުރެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މި ތާރީޚީ ދަތުރު އިންތިޒާމު ކުރަނީ ރާއްޖޭގެ މަޝްހޫރު ޓްރެވެލް އެޖެންސީއެއް ކަމަށްވާ ”ދަ ޓްރެވެލާ“ އިންނެވެ. އެ އެޖެންސީން ހާމަކުރި ގޮތުގައި، ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސައޫދީގެ ޖިއްދާއަށް ސީދާ ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އުމްރާގެ ދަތުރުގެ މަގު ކުރުވެ، މައްކާއާއި މަދީނާއަށް ދިއުމަށް އޮތް ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ އެޖެންސީން ބުނެ އެވެ. މީގެ ކުރިން ދެކުނުގެ އަތޮޅުތަކުން އުމްރާއަށް ދާ މީހުން މާލެ އައިސް، މާލެއިން ސައޫދީއަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ގިނަ ވަގުތުތަކެއް ހޭދަވެ އެވެ.

މި ދަތުރުގައި ބޭނުންކުރާނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ، އޭ330 މަރުކާގެ ބޯޓެވެ. މިއީ އެއްފަހަރާ 264 ފަސިންޖަރުން އުފުލޭނެ ބޯޓެކެވެ. މޯލްޑިވިއަން އިން ބުނި ގޮތުގައި މިއީ ޗާޓަރު ފްލައިޓެއްގެ ގޮތުގައި ދަ ޓްރެވެލާގެ ރިކުއެސްޓަކަށް ބާއްވާ ފްލައިޓެކެވެ.

”އާންމު އުސޫލުން ދޫކުރާ 46 ކިލޯގެ ބަގޭޖް އެލަވަންސް ވެސް މި ދަތުރުގައި ލިބޭނެ،“ މޯލްޑިވިއަން އިން މައުލޫމާތު ދީފައިވެ އެވެ. މި ދަތުރުގެ ބުކިންތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ދަ ޓްރެވެލާ އިން ބުނެ އެވެ.

މި އައު ފެށުމާއެކު، މާލެއަށް ނުގޮސް އައްޑޫން ސީދާ ސައޫދީއަށް ދަތުރުކުރެވޭނެ މަގު ފަހިވެގެން ދިއުމަކީ އައްޑޫގެ އިތުރުން މުޅި ދެކުނުގެ އަތޮޅުތަކުގެ އުމްރާވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ގުޅުންހުރި ލިޔުންތައް