- Advertisement -spot_img

ވީއައިއޭގެ އާ ޓާމިނަލުން ފިޓްސް އެއާއަށް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރ ޓާމިނަލުން ފިޓްސް އެއާއަށް ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ އެ ޓާމިނަލަށް ބަދަލުކުރި 4 ވަނަ އެއާލައިނެވެ. އަދި މިއީ އެ ޓާމިނަލުން ހިދުމަތް ދޭންފެށި ސްރީލަންކާގެ ފުރަތަމަ އެއާލައިނެވެ.

ފިޓްސް އެއާއަށް އައު ޓާމިނަލުން ހިދުމަތް ދޭން ފެށުމަށް އެ ޓާމިނަލުގައި ހައްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ.

 ވީއައިއޭގެ އާ ޓާމިނަލުން ފިޓްސް އެއާއަށް ހިދުމަތް ދޭން ފެށުން | ފޮޓޯ: އެމްއޭސީއެލް

މި ރަސްމިއްޔާތުގައި ފިޓްސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއެއަރލައިނުން ފުރި 71 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި އައު ޓާމިނަލަށް ކައިރިކުރި ފިޓްސް އެއާގެ ފުރަތަމަ މަތިންދާ ބޯޓު 8ޑީ-921 އަށް ޚާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 154 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން، ކުންފުނީގެ ބޯޑް މެންބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ފިޓްސް ހޮލިޑޭސްގެ ޑިރެކްޓަރު އަނާހް ކާސިމް އަދި ފިޓްސް އެއަރގެ އޮޕަރޭޝަންސް އެގްޒެކެޓިވް އިބްރާހިމް އަމީން ހަސަން މަނިކުވެސް ބައިވެރިވިއެވެ.

ފިޓްސް އެއާ އަކީ ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިނެވެ. އެ އެއާލައިން އިން ރާއްޖެއާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ދަތުރުރަށް ފެށީ 2022ގައެވެ.

އައު ޓާމިނަލުން މިހާރު ވަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން، އެއާ އަރަބިއާގެ އިތުރުން ލަގްޒަރީ އެއާލައިން، ބިއޮންޑްއަށް ހިދުމަތް ދޭން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް