ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ލަގްޒަރީ އެއާލައިން ބިއޮންޑްއަށް ހިދުމަތް ދިނުން މިއަދު ފަށައިފިއެވެ.
ޓާމިނަލް 1 އިން ހިދުމަތް ލިބޭ ފުރަތަމަ ލަގްޒަރީ އެއާލައިންގެ ގޮތުގައި ބިއޮންޑް ހިމެނޭއިރު، މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ތިންވަނަ އެއާލައިންވެސް މެއެވެ.

މި މުނާސަބަތުގައި ޓާމިނަލް 1 ގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއް ޝަރަފުވެރި ކޮށްދެއްވީ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް، އަލީ އާރިފެވެ. ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ބޯޑު މެންބަރުންނާއި، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން، ބިއޮންޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އަހުތަރު އަދި ސްޓޭޝަން މެނޭޖަރު ހުސެއިން ފަޔާޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގެ ގޮތުން ބިއޮންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވުމާއެކު، އެ އެއާލައިނުން ފުރި 43 ފަސިންޖަރުންނަށް ހަދިޔާ ދެވުނެވެ. ޓާމިނަލް 1 އަށް ކައިރިކުރި ބިއޮންޑްގެ ފުރަތަމަ މަތިންދާބޯޓު ބީ4091 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވުމާއެކު، އެ ފްލައިޓުން ރާއްޖެ އައި 35 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔުނެވެ.

ރާއްޖޭގެ ސިމްޑީ ގުރޫޕާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފެއްދި އިންވެސްޓްމަންޓް ކުންފުނި އަރަބެކްސް ގުޅިގެން އުފައްދާފައިވާ ބިއޮންޑްއަކީ، ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެއާލައިނެކެވެ.
މިހާރު ޓާމިނަލް 1 އިން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ޔޫއޭއީގެ ލޯ-ކޯސްޓް އެއާލައިން އެއާ އަރަބިއާއަށް ހިދުމަތް ދެމުންދާއިރު، މި މަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނެއް ޓާމިނަލް 1 އަށް ބަދަލުކުރަން ނިންމައިފިއެވެ. އެމްއޭސީއެލްގެ ބޭނުމަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް އެންމެ ފުރިހަމަ އަދި މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އާ ޓާމިނަލްގައި އިމިގްރޭޝަން ކައުންޓަރުތައް ދެގުނައަށް އިތުރުކޮށް، ފުރާ ފަސިންޖަރުންނަށް 20 އަށްވުރެ ގިނަ ކައުންޓަރާއި 6 އީގޭޓް، އަންނަ ފަސިންޖަރުންނަށް 28 ކައުންޓަރާއި 7 އީގޭޓް ގާއިމްކޮށްފައިވެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރި 12 އެއިރޯ ބްރިޖަކީ އޭސީ ކުރެވިފައިވާ ޒަމާނީ ވަސީލަތްތަކެވެ. އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ މި ޓާމިނަލްގައި އެންމެ ޒަމާނީ ބެގޭޖް ސްކޭން ކުރުމުގެ ނިޒާމާއި ހައި ސްޕީޑް ބެގޭޖް ބެލްޓުތައް ބޭނުންކުރެވޭނެއެވެ.